ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އާ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް މާލެއިން ތިން މީހަކު ހައްޔަރުކޮށް ކުރިމިނަލް ކޯޓުން އެމީހުން ބަންދުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ތޫނު ހަތިޔާރެއް ކަމަށްވާ ދެ ވަޅި ގެންގުޅުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުތަކުގައިވާ ގޮތުން، ހައްޔަރުކުރެވުނު ތިން މީހުންގެ ތެރެއިން އެކަކު 30 ދުވަހަށް ބަންދުކުރުމަށާއި، ބާކީ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވެއެވެ. މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފެށި މި ގާނޫނުގެ ދަށުން ބަންދުކުރެވުނު ފުރަތަމަ ބަޔަކީ މި ތިން މީހުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތަކެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ހައްޔަރުކުރެވުނު މީހުންނާއި، އެ މީހުން ހައްޔަރުކުރި ތަނާއި ވަގުތު ފަދަ މަޢުލޫމާތު ސެކިއުރިޓީ ކަންކަމަށްޓަކައި ސިއްރުކޮށްފައިވާ ކަމަށް ބެލެވެއެވެ.
ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އާ ގާނޫނަކީ، ކުރިން އަމަލުކުރި ގޭންގް ކުށްތަކާ ބެހޭ ގާނޫނުގައި ހުރި ގާނޫނީ ހުރަސްތައް ނައްތާލައި، އެ ގާނޫނު އުވާލުމަށްފަހު އެކުލަވާލި ގާނޫނެކެވެ. މި އާ ގާނޫނުގައި ގޭންގް ޖަމާޢަތްތަކުން ހިންގާ ކުށްތަކަށާއި، ތޫނު ހަތިޔާރު ގެންގުޅުން ފަދަ ނުރައްކާތެރި ކުށްތަކަށް ކުރީގެ ގާނޫނަށްވުރެ ބޮޑެތި އަދަބުތައް ކަނޑައަޅައި، ހަރުކަށި ފިޔަވަޅުތައް އެޅޭނެ ގޮތް ހަމަޖައްސާފައިވެއެވެ.
މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ އިތުރު ބާރުތަކުގެ ސަބަބުން، ގޭންގް ކުށްތަކާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގާ ކުށްތައް މަދުވެ، މުޖުތަމަޢުގެ އަމާންކަން އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ