މާލޭގެ ގެއަކުން 300 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނި ދެމީހަކު ބަންދު ކޮށްފި

މާލޭގެ ގެއަކުން 300 ގްރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނި ދެމީހަކު ބަންދު ކޮށްފި

Author
ޙަސަން މުޙައްމަދު
04 ސެޕްޓެމްބަރ 2025 01:26
0

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މާލެ ސިޓީގެ ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެއްޗާއި އެތަކެތި ވިއްކައިގެން ހޯދި ފައިސާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ގުޅިގެން ސެޕްޓެންބަރު 2 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފަންނުގެ ގެއެއް ބަލައިފާސްކުރިކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިނެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ލިބިގެންނެވެ.

އެ ގެ ބަލައިފާސްކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 304.73 ގްރާމްގެ ތަކެތި ފެނިފައިވާކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިން ހޯދިކަމަށް ބެލެވޭ 41,500 ރުފިޔާއަށްވުރެ ގިނަ ފައިސާ ވެސް އަތުލައިގަތްކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގައި ޖުމްލަ ތިން މީހަކު ހައްޔަރުކުރިއިރު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއްގެ ދަށުން އެކަކު ދޫކޮށްލާފައި ވެއެވެ. ނަމަވެސް ސ. މަރަދޫ، ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު، 56 އަހަރު، އަދި ސ. މަރަދޫ، ނަރުގިސްމާގެ، އަޙްނަފް އަޝްރަފް، 27 އަހަރު، މި ދެމީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.