އަތޮޅުތެރޭގެ 9 އެއާޕޯޓް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއާޕޯޓްސް އުވާލަނީ

އަތޮޅުތެރޭގެ 9 އެއާޕޯޓް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް، ރީޖަނަލް އެއާޕޯޓްސް އުވާލަނީ

Author
އަހުމަދު
02 ސެޕްޓެމްބަރ 2025 03:08
0

ރާއްޖޭގެ އަތޮޅުތެރޭގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ބެލުމުގެ ދަށުން ހިންގަމުން ގެންދިޔަ 9 އެއާޕޯޓްގެ ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ބަދަލުކޮށްފިއެވެ.

އެމްއޭސީއެލްއިން މިއަދު ހާމަކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން އަތޮޅުތެރޭގެ އެއާޕޯޓްތަކުގެ ހިންގުމުގެ މަސްއޫލިއްޔަތު އެ ކުންފުނިން ފުރިހަމައަށް ހަވާލުވެފައިވާ ކަމަށެވެ. މި ބަދަލަކީ ސަރުކާރުން ހަރަދު ކުޑަކުރުމަށާއި، ހިންގުން ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމުގެ މަޤްޞަދުގައި ގެނެސްފައިވާ ބަދަލެކެވެ.

މި ނިންމުމާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުވާލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެހެންނަމަވެސް، އިދާރީ އެންމެހައި ކަންކަން ނިމުމަކަށް ގެނެސް، ކުންފުނި ރަސްމީކޮށް އުވާލެވޭނެ ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ސަރުކާރުން ވަނީ މި މަސައްކަތް އަވަހަކަށް ނިންމުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފައެވެ.

އެމްއޭސީއެލްގެ ބެލުމުގެ ދަށަށް އައި އެއާޕޯޓްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުންފުނިން ވަނީ ތައްޔާރުވެފައެވެ. މީގެ އިތުރުން، އެއާޕޯޓްތަކުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ރާވާފައިވާ ކަމަށް ކުންފުނިން ވަނީ ޔަޤީންދީފައެވެ.

އަތޮޅުތެރޭގައި އަލަށް އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްތަކުގެ މަސައްކަތްވެސް އެމްއޭސީއެލްއިން ކުރިއަށް ގެންދާނެއެވެ. މިގޮތުން ހދ. މަކުނުދޫ އެއާޕޯޓާއި ބ. މަތިވެރި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީވެސް އެމްއޭސީއެލްއިންނެވެ. މި މަޝްރޫޢުތަކުގެ އިތުރުން، ހިނގަމުންދާ އެހެނިހެން އެއާޕޯޓް ތަރައްޤީގެ މަސައްކަތްތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުންފުނިން ވަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.