ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރައްޔިތުން ދޫކޮށްލުމަށް ގޮވާލާ އިސްރާއީލުގެ ޑޮކްޓަރުންނާއި ޕައިލެޓުން ތެލްއަވީވްގެ މައި މަގުތައް ބަންދުކޮށްލައިގެން ބޮޑު މުޒާހަރާއެއް ކުރިޔަށް ގެންގޮސްފިއެވެ.
އަލްޖަޒީރާގެ ފެކްޓް-ޗެކިން އެޖެންސީން އާންމުކުރި ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ޞިއްޙީ ޚިދުމަތްތެރިންގެ ބޮޑު ޖަމާއަތެއް ވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އަދި ބަންދުގައި ތިބި މީހުން އަނބުރާ ގެނައުމަށް ގޮވާލާ ޕްލެކާޑުތައް ހިފައިގެން މަގުމަތީގައި އަޑުގަދަކޮށް ނަރާ ޖަހަމުން މުޒާހަރާކޮށްފައެވެ.
މުޒާހަރާގެ އިންތިޒާމްކުރި ފަރާތްތަކުން ނެރުނު ބަޔާނުގައި ވިދާޅުވީ މި "ބޭކާރު ހަނގުރާމަ" ލަސްނުކޮށް ނިންމާލައި، ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލުގެ ރައްޔިތުން ސަލާމަތްކުރުމަށް ހަލުވި ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ބާރު އަޅަމުންދާ ކަމަށެވެ. އަދި ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް ފާހަގަކުރިއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ތެލްއަވީވްގެ މަގުތަކުގައި މުޒާހަރާތައް ކުރިޔަށްދާއިރު، އިސްރާއީލުގެ ސިފައިންގެ ހެޑްކުއާޓަރސް ކަމަށްވާ ކިރްޔާ ކުރިމަތީގައި އިސްރާއީލުގެ ޕައިލެޓުންގެ ގްރޫޕެއް ވެސް ވަނީ ޣައްޒާގެ ހަނގުރާމަ ނިންމާލުމަށް ގޮވާލާ އެކަމަށް އެދި މުޒާހަރާކޮށްފައެވެ.
ޤުދުސްގައި ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުމެއް ހިނގަމުންދިޔައިރު ސަތޭކަ ގިނަ މީހުން އެއްވެ، ހަނގުރާމަ ހުއްޓާލުމަށް ގޮވާލިއެވެ. ހައިފާއަށް ދާ މައިމަގާއި ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެފަދަ މުޒާހަރާތައް ކުރިޔަށް ގޮސްފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.
މި ފިކުރީ ހަލަބޮލިގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުގެ ސިފައިންނަށް ޣައްޒާ ސިޓީއަށް ބިމުން ހަމަލާދިނުމުގެ ތައްޔާރީތައް އަވަސްކުރުމަށް އަމުރުކޮށްފައެވެ.
ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ހައްދުފަހަނަޅައިގެން އުޅޭ ޕާޓީތަކުން ވަނީ އޭނާއަށް ބޮޑު ޕްރެޝަރެއް ކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ނަތަންޔާހޫ ދާނަމަ އެމީހުން ސަރުކާރުން ވަކިވާނެއެވެ.
ބަންދުކޮށްފައި ތިބި މީހުންގެ އާއިލާތަކާއި ސަރުކާރު ފާޑުކިޔާ ފަރާތްތަކުން ތުހުމަތުކުރަނީ ނަތަންޔާހޫ ހަނގުރާމަ ދިގުދައްމާލަން ބޭނުންވަނީ އޭނާގެ ސިޔާސީ ބާރު ދަމަހައްޓައި، ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތްވުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ