ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓު މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިއީ ޖުލައި މަހު ވެސް ދިމާވި ކަމެކެވެ.
އޮގަސްޓު މަހުގެ ތެރޭގައި ފުލުހުންނަށް ޖުމްލަ 972 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރެއިން 294 މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. މިއީ އޮގަސްޓު މަހު އެންމެ ގިނަ އަދަދެވެ. ޖުލައި މަހާ އަޅާބަލާއިރު މައްސަލަތަކުގެ ޖުމްލަ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ޖުލައި މަހު ރިޕޯޓުކުރީ 939 މައްސަލައެވެ.
ވައްކަމުގެ މައްސަލަތަކަށްފަހު، ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޓްރެފިކް އެކްސިޑެންޓްތަކެވެ. އޮގަސްޓު މަހު 224 ޓްރެފިކް އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. މިބާވަތުގެ 85 މައްސަލައެއް އޮގަސްޓު މަހު ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން އޮގަސްޓު މަހު އެއްޗެތި ގެއްލިގެން 88 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލައާއި، އަނިޔާގެ 45 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. ހަމައެއާއެކު ގެވެށި އަނިޔާގެ 20 މައްސަލައާއި، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލައާއި، ފޭރުމުގެ 21 މައްސަލައާއި، ފޯޖް ކުރުމުގެ 11 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ކަންބޮޑުވާންޖެހޭ ކަމަކީ މިދިޔަ ދެމަހު ވައްކަމުގެ މައްސަލަތައް އިތުރުވަމުން އައުމެވެ. މިއަހަރުގެ މިހާތަނަށް ވައްކަމުގެ ޖުމްލަ 2،169 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ފާއިތުވި އަހަރުވެސް ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅުނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ