ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތައް ބެލުމަށް މަޖިލިސް ކޮމިޓީން ނިންމައިފި

ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތައް ބެލުމަށް މަޖިލިސް ކޮމިޓީން ނިންމައިފި

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2025 09:11
0

ނޫސްވެރިންނަށް މަރުގެ އިންޒާރުތަކާއި އެކިއެކި ނުރައްކާތައް ކުރިމަތިވަމުންދާ ކަމަށް ބުނެފައިވާތީ، އެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މިއީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލް ދިރާސާކުރުމުގެ ތެރޭގައި ނޫސްވެރިންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެކެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދެއްކި ނޫސްވެރިން ވަނީ، އެމީހުންނަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށާއި، ނޫސްވެރިންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުކޮށް އެކިކަހަލަ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވީ، މިއީ ކޮމިޓީން އަމިއްލައަށް އިސްނަގައިގެން ފުލުހުންނަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށެވެ.

މީކާއިލްގެ ހުށަހެޅުމަށް ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދުކުރައްވައި، އެފަދަ ނުރައްކާތައް ކުރިމަތިވެފައިވާ ނޫސްވެރިން އެކަން ލިޔުމުން ކޮމިޓީއަށް ހުށަހަޅުމަށް އެދިވަޑައިގަތެވެ.

މިކަން ހިނގަމުންދަނީ، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރުމަށް މަގުފަހިވާގޮތަށް ހުށަހަޅާފައިވާ މީޑިއާ ބިލާ ދެކޮޅަށް ހުރިހާ މީޑިއާތަކުން އެއްބާރުލުން ދެއްވާ ވަގުތެއްގައެވެ. ކޮމިޓީއަށް ހާޒިރުވި 22 މީޑިއާއަކުން 21 މީޑިއާއަކުން ވަނީ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައެވެ.

ބިލުގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުން ކޮމިޝަންގައި ތިއްބެވުމާއި، ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފިނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ ކުރުމާއި، ކޯޓު މަރުހަލާ ނުނިމެނީސް ނޫހުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބުން ހިމެނެއެވެ.

މަޖިލީސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި މި ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ މަޖިލީހުގެ އިދާރާ ކައިރީގައާއި ރައީސް އޮފީސް އަދި މުލީއާގޭ ކައިރީގައި ވެސް މުޒާހަރާ ކޮށްފައެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭގޮތަށް 21 ޖަމިއްޔާއަކުން ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.