ފުލުހުންގެ ޔުނިފޯމަކީ ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާނެއް: ސީޕީ ނަވީން

ފުލުހުންގެ ޔުނިފޯމަކީ ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާނެއް: ސީޕީ ނަވީން

Author
ޙަސަން މުޙައްމަދު
31 އޮގަސްޓް 2025 01:13
0

ފުލުހުންގެ ޔުނިފޯމަކީ ހަމައެކަނި ބޭރުފުށުން ފެންނަ އެއްޗެއް ނޫން ކަމަށާއި އެއީ މަސްއޫލިއްޔަތާއި ޒިންމާތަކާއެކު ކޮނޑުގައި އެޅިފައިވާ ވާޖިބެއްގެ ނިޝާނެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި 40ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ، ފުލުހުންނަކީ މުޖުތަމަޢުގެ ބަލަދުވެރިން ކަމަށާއި ރައްޔިތުންގެ އިޙްތިރާމް ހޯދުމަށްޓަކައި ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއި ލޯތްބާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯސް ނިންމި ދަސްވެނިންނާ މުޚާތަބުކޮށް ސީޕީ ވިދާޅުވީ، ގްރެޖުއޭޓްވުމަކީ ދަތުރެއްގެ ނިމުމެއް ނޫން ކަމަށާއި ޙަޤީޤަތުގައި އެއީ އައު ދަތުރެއްގެ ފެށުން ކަމަށެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މަސައްކަތް ކުރަން ޖެހިދާނެ ކަމަށާއި އެކަމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައި ތިބެންޖެހޭނެ ކަމަށް ސީޕީ ނަސޭހަތްތެރިވެއްޖެއެވެ.

މި އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުން ހިމެނޭ ގޮތުން ޖުމްލަ 138 ފުލުހުން ބައިވެރިވިއެވެ. މީގެ ތެރެއިން 116 ފުލުހުން ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށް ފާސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ފުލުހުންގެ ޚިދުމަތަށް ކަނޑައަޅާފައިވާ ޤާނޫނީ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި، މުހިންމު ހުނަރުތަކާއި އިލްމާއި މައުލޫމާތު އުނގަންނައިދިނުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯހުގައި ދީނީ ވާޖިބުތަކާއި، އިސްލާމީ ރިވެތި އަޚްލާޤާއި، އިންސާނީ ޙައްޤުތަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ މުހިންމު މައުޟޫޢުތަކާ ގުޅޭ ތަމްރީނުތައް ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.