މާލޭގައި ބަންގްލަދޭޝްގެ ރައްޔިތަކު ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދެ ބިދޭސީންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު 15 ދުވަހަށް އިތުރުކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތުން ކަމުގައިވާ މުހައްމަދު އަޒީޒުލް (37) އާއި ސަދިޤުލް މިއާ (37) ހައްޔަރުކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު، ކޯޓުން ނިންމީ އިތުރަށް ބަންދުގައި ބަހައްޓާ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.
މި ހާދިސާ ހިނގީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 12:40 ގައި، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ މުހައްމަދު ޝަޖަހާން ރަހީނުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދުމަށް ބިރުދެއްކި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުންނެވެ. ފުލުހުންގެ ތަހުގީގުގައި ޝަޖަހާންގެ ފޯނު ލޮކޭޓްކުރުމުން އޭނާ ހުރީ މއ. ރަނައުރާ ގޯޅީގައި ކަން އެނގުނެވެ.
ފުލުހުން އެ ސަރަހައްދަށް ދިޔުމުން، ގޯޅީގައި ހުރި ގެސްޓްހައުސެއްގައި ޝަޖަހާން ފެނި، އޭނާއާ ވާހަކަ ދެއްކުމުން އަޒީޒުލް އާއި އެހެން ބަޔަކު އޭނާ ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް ޝަޖަހާން ބުނެފައިވެ އެވެ. އޭގެ ފަހުން ފުލުހުން އެ ކޮޓަރިއަށް ވަދެ، އެތަނުގައި ތިބި ދެ މީހުން ހައްޔަރުކުރިއެވެ.
ތަހުގީގުގައި އަޒީޒުލް ބުނެފައިވަނީ، ޝަޖަހާން އޭނާ ލައްވާ ކުރުވި މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ނުލިބިގެން، އެ ފައިސާ ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރިނަމަވެސް ފައިސާ ނުލިބުމުން ޝަޖަހާނަށް ގުޅައި ކޮޓަރިއަށް ގެނެސް އޭނާގެ ގައިގައި ޖެހި ކަމަށެވެ. އެހެންނަމަވެސް ސަދިޤުލް މިއާ ބުނެފައިވަނީ މީހަކު ރަހީނުކޮށް އަނިޔާކުރުމުގައި ބައިވެރިވެފައިނުވާ ކަމަށެވެ. ސަދިޤުލް ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ ތިލަފުށީގައި ކަމަށާއި، އެ ކޮޓަރިއަކީ އޭނާ ނިދުމަށް ބޭނުންކުރާ، ބަންގްލަދޭޝްގެ މީހަކު ކުއްޔަށް ހިފާފައިވާ ކޮޓަރިއެއް ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންނަކީވެސް ސައްހަ ވިސާ ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހުން ކަން ފުލުހުންގެ ތަހުގީގުން އެނގިފައިވެ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާއިރު، ރަހީނުކުރުމާއި އަނިޔާކުރުމުގެ ތުހުމަތުގެ އިތުރުން ވިސާގެ މައްސަލަވެސް ބަލަމުންދާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓު ފޮނުވާ