އެމްޔޫ މަނިކުގެ ފަހު އެދުމަކީ މިސްކިތެއް ބިނާކުރުން: އަވަހަރާވިއިރު ހުޅުމާލެއިން ވަނީ ބިން ހަމަޖައްސާފަ

އެމްޔޫ މަނިކުގެ ފަހު އެދުމަކީ މިސްކިތެއް ބިނާކުރުން: އަވަހަރާވިއިރު ހުޅުމާލެއިން ވަނީ ބިން ހަމަޖައްސާފަ

Author
އައިޝަތު އަޙްމަދު
30 އޮގަސްޓް 2025 12:48
0

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ބާނީއެއް ކަމުގައިވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) މިއަދު އަވަހާރަވިއިރު، އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހު އެދުމަކީ މިސްކިތެއް ބިނާކުރުން ކަމަށާއި، އެކަމަށް ހުޅުމާލޭގައި ބިމެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސިހަތު ދެރަވެގެން ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އެމްޔޫ މަނިކު އަވަހާރަވުމާ ގުޅިގެން މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނަކީ ދީނީ، އިޖްތިމާއީ އަދި ތައުލީމީ ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. ޚާއްސަކޮށް މިސްކިތްތައް ބިނާކުރުމާއި މަރާމާތުކުރުމުގައި އެމަނިކުފާނު ދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އެމްޔޫ މަނިކު ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމުގެ ކުރިން ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެކަމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ވިދާޅުވެ، ވީހާވެސް އަވަހަކަށް މިސްކިތް އެޅުމަށް ބިމެއް ހަމަޖައްސައިދިނުމަށް އެދި ޚާއްސަ މީހަކު ވެސް ފޮނުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ "އަޅުގަނޑުމެން މިހާރު ވަނީ ހުޅުމާލޭ ސަރަހައްދުން އެކަމަށް ބިމެއް ހަމަޖައްސާފައި" ކަމަށެވެ. އަދި މާތް ﷲ އެމަނިކުފާނަށް ސުވަރުގޭގައި ގަނޑުވަރެއް ދެއްވުމަށް ދުއާކުރެއްވިއެވެ.

އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން އެކަކެވެ. އެމަނިކުފާނުގެ ވިޔަފާރީގެ އިތުރުން އިޖްތިމާއީ އަދި ދީނީ ޚިދުމަތްތަކަށް ދެއްވި އިސްކަންދިނުން ރާއްޖޭގެ ތާރީޚުގައި އަބަދުވެސް ދެމިހުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.