ފަލާހު "އުލު ބޭންދުން" މާނަ ކޮށްދީފި

ފަލާހު "އުލު ބޭންދުން" މާނަ ކޮށްދީފި

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2025 11:32
0

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ނޫސްވެރިން ޖަލަށްލުމުގެ ބަދަލުގައި "އުލުބައިންދަންވީ" ކަމަށް މަޖިލީހުގެ ޖަލްސާގައި ދެއްކެވި ވާހަކަ މިރޭ ދިފާއުކުރައްވާ "އުލު ބޭންދުން" މާނަ ކޮށްދީފިއެވެ. ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަމުގައިވާ ފަލާހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ މި މައްސަލާގައި ޖަލަށް ލައިފިނަމަ، ޖަލުގައި އެންމެ ގިނައިން ރަހުމަތްތެރިން ވާނީ ނޫސްވެރިން ކަމަށެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފަލާހުގެ ވާހަކަތައް ތަހުގީގުކުރުމަށް ފުލުހަށް ހުށަހެޅި މައްސަލައާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ލަފާ ހޯދާ ކަމުގެ ހަބަރާ ގުޅުވައި ފަލާހު ވިދާޅުވީ، ޖަލުގައި ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަން ކުރި ރައީސުންނާއި، އެމްޑީޕީގެ މަޖިލީސް މެންބަރުންނާއި، އެންމެ ގިނައިން ނޫސްވެރިން ކަމަށެވެ.

"ސަބަބަކީ މިއަށްވުރެ ގިނައިން އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވެ، އެފަދަ ވާހަކަތައް ދައްކާފައިވާ ބައެއް މި ގައުމުގައި ނޫޅޭނެ،" ފަލާހު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މީހަކު މަރަން ބުނެފައެއް ނެތް ކަމަށާއި، އުލުބޭންދުން ބޭނުންކުރަނީ ބަސްނާހާ މީހުން ބިމަށްވުރެ މަތީތާކަށް އެރުވުމަށް ކަމަށެވެ.

މިއަހަރުގެ ދެވަނަ ދައުރު ނިމި، ޗުއްޓީގައި އޮތް މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މީޑިއާ ކޮންޓްރޯލްކުރާ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މީޑިއާގައި އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" މީހެއް ކަމަށް ފަތުރާފައިވާ ކަމަށާއި، އޭގެ ސަބަބުން އާއިލާއަށް ވެސް އަސަރުކުރި ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަކީ އޭރު ސޯޝަލް މީޑިއާގައި ބައެއް މީހުން ދެއްކި ވާހަކަތަކެއް ކަން ފާހަގަކުރެވެއެވެ.

ފަލާހުގެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެގޮތަށް ނުބުނެވޭނެ ކަމަށާއި އެކަން ބަލާނެ ކަމަށެވެ. ތާރީހުގައި އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުންކުރި ގޮތެއް ކަން ފާހަގަކުރެވެއެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހު ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ މީހުންނަށް ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި، މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް ފަލާހު ގޮވާލެއްވި މައްސަލާގައި، ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށާއި، އާންމުކޮށް އެނގޭނެހެން އެ ވާހަކަތަކަށް މާފަށް އެދުމަށް އެމްޖޭއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ ފަލާހުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.