މީޑިއާ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

މީޑިއާ ބިލް މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

Author
ޙަސަން މުޙައްމަދު
27 އޮގަސްޓް 2025 02:24
0

ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވާނެކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވަމުންދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް، ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން މިހިނގާ އޮގަސްޓް 19 ގައި މަޖިލީހަށް ހުށަހެޅުއްވި މި ބިލް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި، ހާޒިރުވި 62 މެމްބަރުންގެ ތެރެއިން 49 މެމްބަރުން ތާއީދުކުރައްވައިފިއެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ 12 މެމްބަރުންނެވެ.

ވޯޓުނަތީޖާ އިއުލާނުކުރުމަށްފަހު މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ، ބިލް ބަލައިގަތުމަށް ފާސްވެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވިކަމުގައެވެ. މި ކޮމިޓީން ބިލް ދިރާސާކުރުމަށްފަހު، އިތުރު ބަހުސަކަށް މަޖިލީހުގެ ތަޅުމަށް އަނބުރާ ފޮނުވާނެއެވެ.

މަޖިލީހުގައި މިއަދު ބޭއްވި ބަހުސްގައި، އިދިކޮޅު އެމްޑީޕީގެ މެމްބަރުން ބިލާ ދެކޮޅަށް ވާހަކަދައްކަވައި، މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވާހަކަދެއްކެވީ ބިލުގެ މުހިންމުކަން ފާހަގަކުރައްވަމުންނެވެ.

މި ބިލަކީ މީޑިއާ ކޮންޓްރޯލްކުރާ ބިލެއްކަމަށް ބުނެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށް، ބިލާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ. ހަމައެހެންމެ މޯލްޑިވްސް މީޑިއާ ކައުންސިލުންވެސް ވަނީ ބިލުގައި ހިމެނޭ ބައެއް މާއްދާތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ގެނެވޭ ބަދަލުތަކާއި، އާންމުންގެ ޚިޔާލު ހޯދުމަށް ކުރެވޭ މަސައްކަތްތައް ބަލަމުން ގެންދާނެކަމަށް މީޑިއާ ދާއިރާގެ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.