ރާއްޖޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް އުޅެނީ ދަތި ހާލުގައި: ޝަހީމް

ރާއްޖޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް އުޅެނީ ދަތި ހާލުގައި: ޝަހީމް

Author
ހުސައިން
23 އޮގަސްޓް 2025 07:58
0

ރާއްޖޭގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިހާރު އުޅެނީ ވަރަށް ދަތި ހާލަތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ ޒަކާތު ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޝަހީމް ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ރުކުނަކީ އިސްލާމްދީނުގެ އެހެން ރުކުންތަކާ ތަފާތު، ޒަމާނާ ގުޅޭގޮތަށް ފުޅާކޮށް ތަރައްގީކުރެވޭ ހަމައެކަނި ރުކުނެވެ. މުޅި ގައުމުގެ ރައްޔިތުން ދަތި ހާލަތުގައި އުޅޭ މި ޒަމާނުގައި، ފަގީރުންނާއި މިސްކީނުން ކަމުގައި ބެލެވޭނީ ކޮން ބައެއްކަން ކަނޑައެޅުމަކީ މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރުންވެސް އުޅެނީ ދަތީގައި. މަޖިލީހުގެ މެންބަރުންވެސް އުޅެނީ ދަތީގައި. މުޅި ގައުމު ދަތީގައި އުޅޭނަމަ އެބަޖެހޭ ފަގީރުންނާއި މިސްކީނުންގެ މި ޒަމާނުގެ މަފްހޫމެއް ކަނޑައަޅަން. ކޮބައިތޯ ހަގީގަތުގައި ފަގީރުންނާއި މިސްކީނުންނަކީ" މިނިސްޓަރު ސުވާލުކުރެއްވިއެވެ.

މި ޒަމާނުގައި ތައުލީމާއި ސިއްހީ ޚިދުމަތާއި ދިރިއުޅޭނެ ތަނެއް ލިބުމަކީ ކޮންމެ މީހަކަށްވެސް ލިބެންޖެހޭ އަސާސީ ޙައްގުތަކެއްކަމަށް ޝަހީމް ވިދާޅުވިއެވެ. މިކަންކަމާމެދު ފުންކޮށް ވިސްނައި، ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންގެ ޒަރޫރީ ބޭނުންތަކަށް އެހީވުމަށް ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމާއެކު ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރަކީ ޒަކާތުގެ ނިޒާމަށް އެންމެ ކާމިޔާބު އަހަރުކަމަށް ޝަހީމް ވިދާޅުވިއެވެ. އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތާއި ފިޠުރު ޒަކާތް ލިބުނީ ފާއިތުވި އަހަރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުން ދައްކުވައިދެނީ އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ޒަކާތުގެ ނިޒާމަށް އިތުބާރު ބޮޑުވަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.