ފޯނު ލޮކް ނުހުޅުވައިދިން ދެމީހުންނަށް ޖޫރިމަނާގެ އަދަބު

ފޯނު ލޮކް ނުހުޅުވައިދިން ދެމީހުންނަށް ޖޫރިމަނާގެ އަދަބު

Author
އަހުމަދު
23 އޮގަސްޓް 2025 07:53
0

ކޯޓު އަމުރެއްގެ ދަށުން ފުލުހުންނަށް ފޯނުގެ ލޮކް ކޯޑު ދީ ފޯނު ހުޅުވައިދިނުމަށް އިންކާރުކުރި ދެ މީހަކަށް ކުރިމިނަލް ކޯޓުން ޖަލު ހުކުމެއް ކޮށްފައެވެ. އެހެންނަމަވެސް، އެ ޖަލު ހުކުމް ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްދީފައިވާކަމަށް ކޯޓުން ބުނެފައިވެއެވެ.

ސ. ހިތަދޫ އަންނާރުމާގޭ، އަހްމަދު ނަސީރުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ކުށުގައެވެ. 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ޖިނާއީ މައްސަލައެއްގެ ތަހުގީގުގައި، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ފޯނު ބަލައި، ފޯނުގައިވާ މައުލޫމާތު ހޯދުމަށްޓަކައި ލޮކް ކޯޑު ހޯދުމުން އޭނާ އިންކާރުކޮށްފައިވެއެވެ.

މި މައްސަލަ ފުރަތަމަ އިއުތިރާފް ނުކުރި ނަމަވެސް، ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްއާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމުން، ކޯޓުން އޭނާއަށް 3 މަހާއި 27 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. މި ޖަލު އަދަބު 23,400 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކޮށް، 5 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އަމުރުކޮށްފައިވެއެވެ.

ހަމަ މިފަދަ ކުށެއްގައި ސ. މީދޫ މުންލައިޓް ވިލާ، މުހައްމަދު އަފްރާހުގެ މައްޗަށްވެސް ދައުވާ ކޮށްފައިވެއެވެ. 100,000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވައްކަންކުރުމުގެ މައްސަލައެއްގެ ތަހުގީގުގައި، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާގެ ފޯނު ބެލުމަށް ލޮކް ކޯޑު ހޯދުމުން، އެކަން ކުރުމަށް އޭނާ އިންކާރުކޮށްފައިވެއެވެ.

މުހައްމަދު އަފްރާހުއަށް 3 މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް ކުރުމަށްފަހު، އެ އަދަބު 23,200 ރުފިޔާގެ ޖޫރިމަނާއަށް ބަދަލުކޮށްދީފައިވެއެވެ. މި ފައިސާވެސް 5 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލައިގައިވެސް ކޯޓުން ނިންމާފައިވަނީ، ޖިނާއީ ތަހުގީގުތަކުގައި ކޯޓު އަމުރެއްގެ ދަށުން ފޯނު ބެލުމަކީ ގާނޫނީ އިޖުރާއަތެއް ކަމަށާއި، އެކަމަށް އިންކާރުކުރުމަކީ އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.