ރާއްޖޭގެ ކެޕިޓަލް ސިޓީ މާލޭގެ ކަރަންޓުގެ ޑިމާންޑް ފުއްދުމަށްޓަކައި 100 މެގަވޯޓުގެ އައު ޕަވަރޕްލާންޓެއް ގާއިމްކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ހާމަކުރައްވައިފިއެވެ. ނަމަވެސް ގައުމު ކުރިމަތިލާފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް ރިއާޔަތްކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާދަމާ މާލެ ހުޅުމާލެ ސަރަހައްދުން ކަރަންޓު ކަނޑާލަން ޖެހޭ ކަމުގެ މައުލޫމާތު މީޑިއާތަކަށް ދެއްވަމުން ފަހުމީ ހާމަކުރެއްވީ، މާލޭގެ ކަރަންޓުގެ ބޭނުން ކޮންމެ ފަސް އަހަރަކުން 50 މެގަވޯޓު އިތުރުވަމުންދާ ކަމަށެވެ. މިހާރު ބޭނުންކުރަމުންދާ ޕަވަރ ޕްލާންޓް ގާއިމްކުރެވުނު ފަހުން އިތުރު ޕަވަރ ޕްލާންޓެއް ގާއިމްކުރެވިފައި ނުވާތީ، ޓެކްނިކަލް މަރާމާތުތައް ކުރުމަށް ކަރަންޓު ކަނޑާލަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ފާއިތުވި ދުވަސްތަކުގައި ރޭވިފައިވާ ޕަވަރ ޕްލާންޓުތައް ޕްލޭންކޮށްފައިވާ ގޮތަށް ތަންފީޒު ނުކުރެވުން ކަމަށް ފަހުމީ ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލައިން އަރައިގަތުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މާދަމާ ކަރަންޓު ކަނޑާލާއިރު، ހޮސްޕިޓަލްތަކާއި މުހިންމު އިންފްރާސްޓްރަކްޗަރތަކުން ކަރަންޓު ނުކަނޑާނެ ކަމަށާއި، ބައެއް ސަރަހައްދުތަކުން ކޮންޓްރޯލްޑް މެކޭނިޒަމެއްގެ ދަށުން ވަގުތީ ގޮތުން ކަރަންޓު ކަނޑާލާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މިގޮތަށް ކަރަންޓު ކަނޑާލުމުން އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މިއަހަރު 17 މެގަވޯޓު އިތުރުކޮށްފައިވީ ނަމަވެސް، މިއީ ދެމެހެއްޓެނިވި ހައްލެއް ނޫން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. 100 މެގަވޯޓުގެ އައު ޕަވަރޕްލާންޓެއް ގާއިމްކުރުމަށް 100 ނުވަތަ 200 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި، މިހާރުގެ ސަރުކާރު ވެރިކަމަށް އައިއިރު ގައުމުގެ އިގްތިސާދު ވަނީ ދަރަންޏަށް ޖެހިފައި ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ކެޕިޓަލް ސިޓީތަކާ ޚިލާފަށް މާލޭގައި އޮތީ އެންމެ ކަރަންޓު ކުންފުންޏެއް ކަމަށާއި، އެއީ ސްޓެލްކޯ ކަމަށް ފަހުމީ ވިދާޅުވިއެވެ. މާލޭގައި ކަރަންޓާ ނުލައި ދިރިއުޅެވޭނެ ހާލަތެއް ނެތް ކަމަށާއި، ހުރިހާ އަސާސީ ޚިދުމަތްތަކެއް ބިނާވެފައިވަނީ ކަރަންޓުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ އެމްޑީގެ ހައިސިއްޔަތުން މި ހަގީގަތް ރައްޔިތުންނަށް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދާ ހާލަތު އެނގިވަޑައިގަންނަވާތީ މި މައުލޫމާތު ހިއްސާކުރާ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ