ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީހާ، މިއަދު ކޯޓުން ދޫކޮށްލައިފިއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓަކާ ގުޅިގެން ރޭ ހައްޔަރުކުރެވުނީ އަލީ އާނިމް މުފީދު، 29، އަތަމާވިލާ/ސ. ހިތަދޫއެވެ. ފުލުހުން މިއަދު ވިދާޅުވީ، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމުގެ ކުށާއި، ގާނޫނުލްއުގޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުމުގެ ކުށާއި، ކުށެއް ކުރަން އުޅުމުގެ ކުށެވެ.
މި ހައްޔަރުކުރުން ހިނގީ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ބިލާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކުރަން ފަށާފައި ވަނިކޮށެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، މި ބިލު ތައްޔާރުކުރުމުގައި އޭނާ ވެސް ބައިވެރިވެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، މި ބިލަކީ ސަރުކާރުގެ ބާރުފޯރުވުމުގެ ދަށުން ތައްޔާރުކުރެވުނު އެއްޗެކެވެ.
މީގެ ކުރިން ވެސް މެންބަރު ހަންނާން މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިރު، އެ ފަހަރު ނޫސްވެރިންގެ ބޮޑު އިހުތިޖާޖުތަކެއް ކުރިމަތިވުމުން ބިލު އަނބުރާ ގެންދެވިފައިވެއެވެ. ހަންނާނަކީ މަޖިލީހުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް، އާންމުކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ މެންބަރެކެވެ.
ނޫސްވެރިންގެ ޖަމްޢިއްޔާތަކުން ވިދާޅުވާ ގޮތުގައި، މި ބިލުގައި ހިމެނޭ ބައެއް މާއްދާތަކުން މީޑިއާގެ މިނިވަންކަމަށް ނުރައްކާވެ، ސަރުކާރަށް މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންދާނެއެވެ. އެހެންކަމުން ނޫސްވެރިން މިހާރު ދަނީ މި ބިލާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ