މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިހުގެ ގެލެރީގައި އިހުތިޖާޖު ކުރަނީ

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިހުގެ ގެލެރީގައި އިހުތިޖާޖު ކުރަނީ

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2025 10:21
0

ސަރުކާރުން ހުށަހެޅި މީޑިއާ ރެގިއުލޭޝަން ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ގެލެރީގައި ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ. "އަދަދު"، "މިހާރު" އަދި "ދައުރު" ނޫހުގެ ނޫސްވެރިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ނޫސްވެރިން މި އިހުތިޖާޖުގައި ބައިވެރިވެ އެވެ.

އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންގެ ތެރެއިން ބައެއް މީހުން ތިބީ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކުރާ ބޯޑުތައް ހިފަހައްޓައިގެންނެވެ. އަނެއް ބައެއް ނޫސްވެރިން ތިބީ ނުރުހުމުގެ ނިޝާނެއްގެ ގޮތުން އަނގަ މަތީގައި އަތް އަޅައިގެންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އެ ކައުންސިލުން ބުނީ މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް ބަދަލުކޮށް، ސަރުކާރަށާއި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލު އެކުލަވާލައިފައިވާ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ގިނަ ގުރުބާނީތަކެއް ދީގެން ހޯދައިފައިވާ ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް ސަރުކާރަށް ފުރުސަތު ނުދޭނެ ކަމަށެވެ. އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ބިލަކީ ދިވެހިރާއްޖެއިން މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައީސް މުއިއްޒު ރާއްވަވާފައިވާ ރޭވުމެއް ކަމަށާއި، މީޑިއާއަކީ ޑިމޮކްރަސީއެއްގެ މައިބަދަ ކަމަށެވެ.

ބިލުގައި ބުނާ ގޮތުން، އަލަށް އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ހިމެނޭނީ ހަތް މެންބަރުންނެވެ. އޭގެ ތެރެއިން ތިން މެންބަރުން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބާކީ ހަތަރު މެންބަރުން އިންތިހާބު ކުރާނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކުންނެވެ. ކޮމިޝަނުގެ ރައީސް ވެސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ކޮމިޝަން އުފެދުމާއެކު މިހާރު އޮތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލެވޭނެ އެވެ.

އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ ބާރުތަކުގެ ތެރޭގައި 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި، މައްސަލައެއް ބަލަމުންދަނިކޮށް ވަގުތީ ގޮތުން މީޑިއާގެ ރަޖިސްޓްރީ ބާތިލު ކުރުމުގެ އިހުތިޔާރު ހިމެނެ އެވެ. މީގެ އިތުރުން ނޫސް ވެބްސައިޓްތައް ބްލޮކް ކުރުމާއި ޓީވީ ޗެނަލްތަކުގެ ބްރޯޑްކާސްޓު ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ. ކޯޓު މެދުވެރިކޮށް މީޑިއާއެއްގެ ރަޖިސްޓްރީ ދާއިމީ ގޮތުން ބާތިލު ކުރުމުގެ އިހުތިޔާރު ވެސް ބިލުގައި ހިމަނާފައިވެ އެވެ.

މި ބިލާ ގުޅިގެން މީޑިއާ ދާއިރާއާއި ސިޔާސީ ދާއިރާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، ސަރުކާރުން ބުނަނީ މީޑިއާ ދާއިރާ ރެގިއުލޭޓް ކުރުމަށް މިފަދަ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.