ހިއުމަން ރައިޓްސް ކޮމިޝަނަށް ތިން މެންބަރުންގެ ނަން މަޖިލީހަށް ފޮނުއްވައިފި

ހިއުމަން ރައިޓްސް ކޮމިޝަނަށް ތިން މެންބަރުންގެ ނަން މަޖިލީހަށް ފޮނުއްވައިފި

Author
ޙަސަން މުޙައްމަދު
19 އޮގަސްޓް 2025 10:18
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އިތުރު ތިން މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސަށް އެންމެ އެކަށީގެންވާ ކަމަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ނަންފުޅުތައް އިސްކަންދޭ ތަރުތީބުން ހިމަނާފައިވެއެވެ.

މި ތިން ބޭފުޅުންނަކީ ސ. ހުޅުދޫ، ސީބްރީޒްގެ އަހުމަދު މަޤުސޫމް، ހ. ގުރުސްގެ އަމިރާ ނައީމް އަދި ދަފްތަރު ނަންބަރު ދރ 712 ގެ ފާތިމަތު ނަފްއަތު އަބްދުލްވައްހާބެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަފްސީލުކޮށް ދިރާސާކުރުމަށްޓަކައި ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވެއެވެ.

މީގެ ކުރިން މި މަހުގެ ތެރޭގައި އެޗްއާރްސީއެމްއަށް ދެ މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހ. ސޯސަންގެ މުހައްމަދު ފާރިސް ޠާހާ އާއި މ. ޕޮޕީގެ މުހައްމަދު ޝަފީގު މަހްމޫދުގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، މުހައްމަދު ޝަފީގު މަހްމޫދުގެ ނަން އެކަނި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމި އެވެ. މުހައްމަދު ފާރިސް ޠާހާގެ ނަން ކޮމިޓީން ފާސްނުކުރީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ލިބިފައިވާ ޝަކުވާތަކާ ގުޅިގެންނެވެ. މި ޝަކުވާތަކުގައި ޠާހާ އަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވީ ނަމަވެސް، ޠާހާ އާއި އޭނާގެ ކުރީގެ އަންހެނުން މި ތުހުމަތުތައް ބާތިލުކޮށްފައިވެއެވެ.

އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މުހައްމަދު ޝަފީގު މަހްމޫދު އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް ފާސްކޮށްފައިވެއެވެ.

އެޗްއާރްސީއެމްއަށް މި ވަގުތު އިތުރު މެންބަރުން ބޭނުންވަނީ، ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މި ދެ ބޭފުޅުންގެ ބަދަލުގައި އައު މެންބަރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.