ހުޅުމާލޭގައި ގާއިމުކޮށްފައިވާ 10,000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީ މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މިއީ މިހާތަނަށް ދިވެހިރާއްޖޭގައި ބެހެއްޓިފައިވާ އެންމެ ބޮޑު ފެން ތާނގީ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެމްޑަބްލިއުއެސްސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި މި ތާނގީ ބޭނުންކުރަން ފެށުން އިފްތިތާހުކޮށްދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު އަބްދުﷲ މުއްތަލިބް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދެވެ. މި މުހިންމު ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން، ސީނިއާ މެނޭޖްމަންޓް އަދި މުވައްޒަފުން ބައިވެރިވިއެވެ.
24 މީޓަރު އުސްމިނުގައި ބިނާކުރެވިފައިވާ މި ތާނގީގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ހުނަރާއި މަސައްކަތްތެރިކަމުގެ ނަތީޖާއެއްގެ ގޮތުން މި މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ.
މި އައު ތާނގީ ޚިދުމަތަށް ގެނައުމުން ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖާގަ 22,600 ޓަނަށް އިތުރުވެ، މިއީ 79 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެމްޑަބްލިއުއެސްސީން ފާހަގަކުރެއެވެ. މީގެ އިތުރުން މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ ގުންޖެހުން 36,000 ޓަނުން 46,000 ޓަނަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ސިނަމާލެ ބްރިޖުމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ވަގުތީގޮތުން ގުޅާލެވިފައިވާތީ، މި އައު ތާނގީގެ ފައިދާ މާލޭގެ ފެނުގެ ޚިދުމަތަށްވެސް ކުރާނެ ކަމަށް ބެލެވެއެވެ. މިއީ ދެ ސަރަހައްދުގެ ފެނުގެ ސަޕްލައި އިތުރަށް ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބަދަލެކެވެ.
އެމްޑަބްލިއުއެސްސީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
ކޮމެންޓު ފޮނުވާ