ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސަބްސިޑީއަށް ހޭދަކުރާ މިންވަރު 9.1 އިންސައްތަ ދަށަށް

ދައުލަތުގެ ޚަރަދުތައް ކުޑަވެ، ސަބްސިޑީއަށް ހޭދަކުރާ މިންވަރު 9.1 އިންސައްތަ ދަށަށް

Author
ހުސައިން
15 އޮގަސްޓް 2025 08:28
0

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ އެކިއެކި އެހީތަކާއި ސަބްސިޑީތަކަށް ކުރާ ޚަރަދު ފާއިތުވި އަހަރާ އަޅާބަލާއިރު 9.1 އިންސައްތައިން ދަށަށް ގޮސްފައިވެއެވެ.

އޮގަސްޓު 7، 2025 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތު ދައްކުވައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ޖުމުލަ ޚަރަދު 22.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު 17.4 އިންސައްތަ ކުޑަ އަދަދެކެވެ.

ރިކަރަންޓް ޚަރަދުގެ ތެރެއިން 56.9 އިންސައްތަ ޚަރަދުކޮށްފައިވަނީ ދައުލަތުގެ އިދާރާތައް ހިންގުމަށް ކަމަށްވާއިރު، އޮފީސްތަކަށް ބޭނުންވާ ތަކެތި ގަތުމަށް ކުރާ ޚަރަދު 17.8 އިންސައްތައިން ކުޑަވެފައިވެއެވެ. އަދި މަރާމާތާއި މެއިންޓެނަންސްގެ ޚަރަދުވެސް 19.9 އިންސައްތައިން ކުޑަވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ދަތުރުފަތުރުކުރުމަށް ކުރާ ޚަރަދުވެސް ފާއިތުވި އަހަރާ އަޅާބަލާއިރު 5.3 އިންސައްތައިން ކުޑަވެފައިވެއެވެ.

ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް 2.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 60.4 އިންސައްތަ ކުޑަ އަދަދެކެވެ. އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް، ޚާއްސަގޮތެއްގައި މަގުހެދުމާއި، ބްރިޖް އަދި އެއަރޕޯޓް ތަރައްޤީކުރުމަށް 2.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިކަމަށް ފާސްކުރެވިފައިވާ ބަޖެޓުގެ 21.2 އިންސައްތައެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން 2025 ވަނަ އަހަރަށް 12.4 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މިހާތަނަށް މިބައިގައި ޚަރަދުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާއެވެ. މިއަހަރު ޕީއެސްއައިޕީގެ ދަށުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫޢުތަކަށް ކަމަށްވާއިރު، މިކަމަށް 2.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނިންމުމުގެ މަސައްކަތްތައް ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށްވެސް 123.1 މިލިއަން ރުފިޔާ މިއަހަރު ޚަރަދުކޮށްފައިވާކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. ސަރުކާރުން ޕީއެސްއައިޕީ ސިޔާސަތުތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، މިފަދަ ޕްރޮގްރާމްތަކަށް ދައުލަތުން ކުރާ ޖުމުލަ ޚަރަދު ކުޑަކުރުމަށް ވަނީ ކާމިޔާބު ހާސިލުވެފައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.