ބ. ދޮންފަނުގައި ބިމުގެ ދަތިކަން ހައްލުކުރުމަށް 13 ހެކްޓަރުގެ ބިން ހިއްކުމާއި، ނެރު ބަދަލުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ދޮންފަނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބް ކަމަށާއި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ސައުދީއެވެ.
ދޮންފަނަކީ ބިމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ރަށްތަކުގެ ތެރެއިން ރަށެއް ކަމަށްވާއިރު، މި މަޝްރޫއު ފުރިހަމަވުމުން އެ ރަށުގެ ބިމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދޮންފަނު ފަޅުން ހިއްކެން ހުރި އެންމެ ބޮޑު ސަރަހައްދު ހިއްކައި، ރައްޔިތުންނަށް ބޭނުންވާ ބިން ފޯރުކޮށްދެވޭނެއެވެ.
ނެރު ބަދަލުކުރުމުގެ މަސައްކަތް ފުރިހަމަވުމުން ބަނދަރު ބޭނުންކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރަށުގެ ސަރަހައްދުތައް ކާރިސާތަކުން ރައްކާތެރިކުރެވޭނެއެވެ.
މި ބޮޑު މަޝްރޫއުގެ އިތުރުން ދޮންފަނުގައި އިތުރު ތަރައްޤީގެ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވިއެވެ. އޭގެ ތެރޭގައި ފުޓްސަލް ދަނޑު އަލުން ތަރައްޤީކޮށް، ހޭންޑްބޯލް ވެސް ކުޅެވޭ ގޮތަށް ހެދުމާއި، ވޮލީ ކޯޓެއް ޤާއިމުކުރުމާއި، ފިޓްނެސް ރިކްރިއޭޝަން ސެންޓަރެއް އިމާރާތްކުރުން ހިމެނެއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމެއް ޤާއިމުކޮށް، ޒުވާނުންނަށް ކަސްރަތުކުރެވޭނެ މާހައުލެއް ފަހިކޮށްދޭނެއެވެ.
އެ ރަށުގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން އިންތިޒާރުކުރަމުން އައި ފެނާއި ނަރުދަމާގެ މަޝްރޫއު ވެސް އަލުން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވިއެވެ. މި މަޝްރޫއު ހުއްޓިފައިވާތާ މުއްދަތެއް ވެފައިވާއިރު، އަލުން ފެށިގެން ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ