ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ލިބޭ 1000 ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ޖާގަތަކުގެ އަދަދު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ހައްޖު ކޯޓާ ދޫކުރުމުގައި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް މިނިސްޓަރު ޝަހީމްއާ ސުވާލުތަކެއް ކޮށްފައިވެއެވެ. ސަރުކާރަށް ކޯޓާއިން ގިނަ ޖާގަ ނެގުމުގެ ސަބަބުން ފައިސާ ދައްކައިގެން ހައްޖަށް ދިއުމަށް އެދިފައިތިބޭ އާންމުންނަށް ފުރުސަތު ލިބުން ލަސްވާކަމަށް ބައެއް މެންބަރުން ފާހަގަކުރިއެވެ.
މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން އަބަދުވެސް ކޯޓާ ދޫކުރަނީ ކިޔޫ ތަރުތީބުން ކަމަށާއި، ކަނޑައެޅިފައިވާ އަދަދަށް އެއްވެސް މީހަކު އުނިނުކޮށް ފުރުސަތު ދޭނެކަމަށެވެ. އަދި ހައްޖު ކޯޓާ އިންސާފުވެރިކަމާއެކު ބެހުމަށްޓަކައި އިތުރު ބަދަލުތަކެއް ގެނެސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ތެރޭގައި އަލަށް ހައްޖަށްދާ މީހުންނަށް އިސްކަންދިނުމާއި، ކޮންމެ ފަސް އަހަރަކުން މެނުވީ ތަކުރާރުކޮށް ހައްޖަށް ނުދެވޭގޮތް ހެދުމާއި، 65 އަހަރުން މަތީގެ މީހުންނަށް ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ހިމެނެއެވެ. މި އުސޫލުތައް މި އަހަރުގެ ހައްޖު މޫސުމުން ފެށިގެން ތަންފީޒުކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަންގެ އިސްވެރިން ތަކުރާރުކޮށް ހައްޖަށް ދާކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޝަހީމް ވިދާޅުވީ، ހައްޖު މިޝަންގައި ހިމެނޭ އިސްވެރިންނާއި ޑޮކްޓަރުން ދަނީ ކޯޓާއިން ބޭރުން ކަމަށެވެ. އެއީ ހައްޖާޖީންނަށް ޚިދުމަތް ދިނުމަށް ސައޫދީ އަރަބިއްޔާގައި ވެސް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، ހައްޖު ކޯޓާ ދޫކުރުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް ސަރުކާރުން އިސްކަމެއް ނުދޭނެ ކަމަށާއި، ދެފުށް ފެންނަގޮތަކަށް އިންސާފުވެރިކަމާއެކު ކޯޓާ ދޫކުރުމަށް ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާއަށް ބަލައި އަމަލުކުރަމުންދާ ކަމަށެވެ.
ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1000 ހައްޖު ކޯޓާގެ ތެރެއިން 850 މީހުންނަށް ކިޔޫ ތަރުތީބުން ފުރުސަތު ދެވޭއިރު، 100 މީހުންނަށް އެހީތެރިންގެ ގޮތުގައި، އަދި 50 މީހުންނަށް ފަގީރުންގެ ގޮތުގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދިއުމުގެ ފުރުސަތު ދެވެއެވެ.
ކޮމެންޓު ފޮނުވާ