ބީއެމްއެލް އިން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމާނެ

ބީއެމްއެލް އިން ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާގައި އޭޓީއެމް ޚިދުމަތް ގާއިމްކޮށް ނިންމާނެ

Author
އަހުމަދު
12 އޮގަސްޓް 2025 08:53
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހަފުތާގެ ތެރޭގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށް ނިންމާނެ ކަމަށް އެ ބޭންކުން އިއްޔެ ހާމަކޮށްފިއެވެ.

'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން އިއްޔެ ވަނީ ބ. ކަމަދޫ، ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ޚިދުމަތް ފަށައިފައެވެ. މި ރަށްތަކުގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުޢިއްޒުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބު، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ބޭންކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފުތާގެ ބާކީ ދުވަސްތަކުގައި ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ދޮންފަނު އަދި މާޅޮހުގައި ވެސް އޭޓީއެމް ޚިދުމަތް ތައާރަފުކޮށް، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ޚިދުމަތް ފޯރުކޮށްދިނުން ފުރިހަމަކުރާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވެއެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބ. އަތޮޅުގެ 10 ރަށަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމާއެކު، 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' ޕްރޮގްރާމުގެ ދަށުން މި އަހަރު އަލަށް އޭޓީއެމް ޚިދުމަތް ފަށާފައިވާ ރަށްތަކުގެ އަދަދު 47 އަށް އަރާނެ ކަމަށެވެ. އަދި މިއީ ބޭންކުން މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެއް ކަމަށާއި، މިއިން ދައްކުވައިދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްޤީއަށް ބޭންކުން ދޭ އިސްކަން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މިހާރު ބީއެމްއެލްގެ ބޭންކިން ވިއުގައި މުޅި ރާއްޖޭގެ 20 އަތޮޅުގައި 40 ބްރާންޗާއި، 134 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 189 އޭޓީއެމް ހިމެނޭ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން އޭޖެންޓު ބޭންކިން އާއި ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތްތައް ވެސް ބޭންކުން ފޯރުކޮށްދެމުން ގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.