އޭދަފުށީގައި 80.7 މިލިއަން ރުފިޔާގެ އެމްއެންޔޫ ކެމްޕަސް ގާއިމުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އޭދަފުށީގައި 80.7 މިލިއަން ރުފިޔާގެ އެމްއެންޔޫ ކެމްޕަސް ގާއިމުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Author
ހުސެއިން
12 އޮގަސްޓް 2025 08:51
0

ބ. އޭދަފުށީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ އައު ކެމްޕަހެއް ގާއިމުކުރުމުގެ 80.7 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލު ކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި ވަނީ މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީކުރާނެ ތަންތަނަށް ބަލާއިރު، 6،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ދެ ފަންގިފިލާގެ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމާއެކު، 3،200 އަކަފޫޓުގެ ސަރަހައްދެއްގައި މުވައްޒަފުންނަށް ޚާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ތަރައްގީކުރާނެއެވެ.

ތަޢުލީމީ ބޭނުންތަކަށް ޓަކައި 4،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް އިމާރާތްކުރުމުގެ އިތުރުން، 4،000 އަކަފޫޓުގެ އެކަޑެމިކް ފެސިލިޓީޒް ބްލޮކެއް ވެސް ބިނާކުރެވޭނެއެވެ. މީގެ އިތުރުން 3،000 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް ހެދުން ވެސް މި މަޝްރޫއުގައި ހިމެނިފައިވެއެވެ.

އެމްޓީސީސީން މި މަޝްރޫއު ނިންމަންޖެހޭނީ 720 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އެއްބަސްވެފައިވެއެވެ. މި ކެމްޕަސް ގާއިމުވުމުން އޭދަފުށީގެ ޒުވާނުންނަށް އަމިއްލަ ރަށުގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރިހަމަ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.