ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި 4 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ހާމަކޮށްފި އެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އެއާޕޯޓުން ޚިދުމަތް ހޯދި ފަސިންޖަރުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4 އިންސައްތަ އިތުރުވެފައިވެ އެވެ. މި މުއްދަތުގައި ބައިނަލްއަޤްވާމީ ދަތުރުތައް ކުރި 2.6 މިލިއަން ފަސިންޖަރުންނާއި، ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރި 579,079 ފަސިންޖަރުންނާއި، ސީޕްލޭން މެދުވެރިކޮށް ދަތުރު ކުރި 859,797 ފަސިންޖަރުން ހިމެނެ އެވެ.
ވީލް ބޭސްޑް އުދުހުންތަކުގެ ތެރެއިން އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ޚިދުމަތް ދީފައިވަނީ ޖެނުއަރީ 4 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު 26,658 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިން ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ. ސީޕްލޭން އޮޕަރޭޝަންތަކުގައި އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނީ ފެބްރުއަރީ 16 ވަނަ ދުވަހު ކަމަށާއި، އެ ދުވަހު 7,439 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ހާމަކުރި އެވެ.
ފްލައިޓް މޫވްމަންޓްތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި އެއާޕޯޓުގެ ފްލައިޓް މޫވްމަންޓްތައް 7 އިންސައްތަ އިތުރުވެފައިވާ ކަމަށް އެމްއޭސީއެލްއިން ފާހަގަކޮށްފި އެވެ. މި މުއްދަތުގައި ބައިނަލްއަޤްވާމީ 17,614 ފްލައިޓް މޫވްމަންޓާއި، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ 14,110 ފްލައިޓް މޫވްމަންޓާއި، ސީޕްލޭން އޮޕަރޭޝަންގެ 92,941 ފްލައިޓް މޫވްމަންޓް ހިމެނޭ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
ރާއްޖޭގެ މައި އެއާޕޯޓު ކަމުގައިވާ ވީއައިއޭގައި އަލަށް ހުޅުވާފައިވާ ޕެސެންޖަރ ޓާމިނަލާ އެކު، އަހަރުގެ ކުރިއަށް އޮތް ތަނުގައި ފަސިންޖަރުންގެ އަދަދު އިތުރަށް މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. އާ ޓާމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ