ޓެކްނިކަލް މައްސަލައެއް ދިމާވެ ޖިއްދާގައި އުމްރާވެރިންގެ ފްލައިޓް ލަސްވެއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ ޖިއްދާގައި އުމްރާވެރިންގެ ފްލައިޓް ލަސްވެއްޖެ

Author
ޙަސަން މުޙައްމަދު
09 އޮގަސްޓް 2025 07:40
0

ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާ ޒިޔާރަތް ނިމުމަށްފަހު ރާއްޖެ އެނބުރި އައުމަށް ތައްޔާރުވި ދިވެހި އުމްރާވެރިންގެ ދަތުރު، މޯލްޑިވިއަން އެއާލައިންގެ ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވުމުން ލަސްވެއްޖެއެވެ.

ލިބިފައިވާ މައުލޫމާތުގައިވާ ގޮތުން، މި މައްސަލަ ދިމާވެފައިވަނީ މޯލްޑިވިއަން އެއާލައިންގެ ފްލައިޓް ނަންބަރު ކިއު2-6360 އަށެވެ. ސޯޝަލް މީޑިއާގައި ފެތުރިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އުމްރާވެރިން ޖިއްދާ އެއާޕޯޓުގައި މަޑުކުރަންޖެހި، ފުރަން ހަމަޖެހިފައިވާ ވަގުތު ފާއިތުވިތާ ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު ވަނީ ވެފައެވެ. ނަމަވެސް ދިމާވެފައިވާ ޓެކްނިކަލް މައްސަލައިގެ ތަފްސީލު އަދިވެސް ސާފެއް ނުވެއެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ފްލައިޓް ފުރުން ލަސްވެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، އެކަމަކު ދިމާވި މައްސަލައިގެ ތަފްސީލު އަދި ސާފުވެފައި ނުވާ ކަމަށެވެ.

"މޯލްޑިވިއަނުން އަޅުގަނޑުމެންނަށް އަންގައިފައި ވަނީ، ފްލައިޓް ފުރާނެ އަލުން ވަގުތެއް ވީ އެންމެ އަވަހަކަށް އަންގާނެ ކަމަށެވެ. އަޅުގަނޑުމެން އެ މައުލޫމާތަށް މަޑުކުރަމުން މިދަނީ،" ޝަކީލް ވިދާޅުވިއެވެ.

މޯލްޑިވިއަން އެއާލައިންއިން ދީފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ، ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ ޝެޑިއުލް ބަދަލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއާލައިންއިން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން އެއާލައިންގެ ރާއްޖޭގެ އެތެރޭގެ ދަތުރުތަކާއި ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ ބޯޓުތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވެ، ދަތުރުވެރިންވެ ދަތުރުތައް ލަސްވުމުގެ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ތަކުރާރުވެފައެވެ. މިފަދަ ހާދިސާތަކުން ދަތުރުވެރިންނަށް ދިމާވާ ދަތިތަކާ ގުޅިގެން އެއާލައިންތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ދަތުރުފަތުރުގެ ދާއިރާއާއި ގުޅުންހުރި ފަރާތްތަކުން ފާހަގަކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.