އިސްރާއީލުން ޣައްޒާ ސިޓީ ފުރިހަމައަށް ކޮންޓްރޯލްކޮށް، އެ ސަރަހައްދުގެ ބިންތައް ފޭރިގަންނަން ނިންމި ނިންމުމާ ގުޅިގެން އދ ސެކިއުރިޓީ ކައުންސިލްގެ އިމަޖެންސީ ބައްދަލުވުމެއް މިއަދު މެންދުރުފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން އިއްޔެ ފާސްކުރި މި ޕްލޭންގައި ހިމެނެނީ މުޅި ޣައްޒާ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސް، އެތަނުގައި ވަކި ވެރިކަމެއް ގާއިމުކުރުމެވެ. މި ޕްލޭން ހުށަހެޅީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއެވެ.
އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޑެންމާކް، ގްރީސް އަދި ސްލޮވީނިއާގެ އދ ޕަރމަނަންޓް މިޝަންތަކުން މި އިމަޖެންސީ ބައްދަލުވުން ބޭއްވުމަށް އެދުމުން، ސެކިއުރިޓީ ކައުންސިލްގެ މިހާރުގެ ރައީސް ޤައުމު ކަމުގައިވާ ޕެނަމާ އާއި އެމެރިކާ ފިޔަވައި އެހެން ހުރިހާ މެމްބަރ ޤައުމުތަކުން ވަނީ މި ބައްދަލުވުން ބޭއްވުމަށް ތާއީދުކޮށްފައެވެ.
އިސްރާއީލުގެ މި އައު ނިންމުން ބައިނަލްއަޤްވާމީ މުޖުތަމައުގެ ފުޅާ ދާއިރާއެއްގައި ވަނީ ކުށްވެރިކޮށްފައެވެ. އެއީ މިހާރުވެސް ޣައްޒާގައި ދެމިގެންދާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ ކަމެއް ކަމުގައި ވާތީއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާ އަށް އިސްރާއީލުން ކުރަމުންދާ ހަމަލާތަކުގައި 7 އޯގަސްޓް 2025 ގެ ނިޔަލަށް 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، 152,045 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ޣައްޒާގެ 2 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، މަގުމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއަދު ބޭއްވޭ އދ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި އިސްރާއީލުގެ މި ނިންމުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދެކެވޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ