އައްޑޫ ސިޓީގެ ހިތަދޫއިން ވިޔަފާރީގެ އެކި ބޭނުންތަކަށް 19 ބިމެއް ކުއްޔަށް ދޫކުރުމަށް އެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. މި ބިންތައް ކުއްޔަށް ހިފުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކާއި، ޕާޓްނަޝިޕްތަކަށެވެ.
ކުއްޔަށް ދޫކުރާ ބިންތަކުގެ ސައިޒު ހުންނާނީ 1،500 އަކަފޫޓުން ފެށިގެން 6،493 އަކަފޫޓާ ހަމައަށެވެ. މި ބިންތަކުގައި ކުރެވޭނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރިތަކާއި، ކެފޭ ރެސްޓޯރެންޓް ހިންގުމާއި، ގާ އެޅުމުގެ މަސައްކަތްތަކުގެ އިތުރުން ހެވީ އަދި ލައިޓް އިންޑަސްޓްރިއަލް މަސައްކަތްތަކެވެ.
މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 300 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކައިގެން ރަޖިސްޓްރީވާން ޖެހޭނެއެވެ. ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވަނީ އޮގަސްޓް 8 ވަނަ ދުވަހުން ފެށިގެން އޮގަސްޓް 21 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަޖިސްޓްރީވެވޭނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދުގައެވެ.
ރަޖިސްޓްރީވާ ފަރާތްތަކަށް ބިން ކުއްޔަށް ހިފުމާ ގުޅޭ މައުލޫމާތު ކަރުދާހާއި ބީލަން ފޯމު އައްޑޫ ސިޓީ ކައުންސިލް އިދާރާއިން އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެއެވެ. ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމަ އެ ވަގުތު އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.
ކޮމެންޓު ފޮނުވާ