މާލޭގައި ބަނގުރާ އުފައްދަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

މާލޭގައި ބަނގުރާ އުފައްދަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2025 08:47
0

މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކުމާއި އުފެއްދުމުގެ ތުހުމަތުގައި މާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނަކުން ދެ ޒުވާނުން ހައްޔަރުކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ހޯދާފައިވެއެވެ.

އޮގަސްޓު 6 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަމުގައި ދިރިއުޅޭ 29 އަހަރުގެ ޢަލީ ޝާމް އާއި ހއ. ހޯރަފުށީގައި ދިރިއުޅޭ 20 އަހަރުގެ ޢަލީ އަޢުފާން އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު ޚާއްޞަ މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ދެމީހުން މާލޭ މަގުމަތިން ސައިކަލެއްގައި ދަތުރުކުރަމުން ދަނިކޮށް ފުލުހުން ހުއްޓުވައި ބަލައިފާސްކުރިއެވެ. އޭގެ ފަހުން އެމީހުން ދުއްވި ސައިކަލާއި މާލޭގައި އެމީހުން ދިރިއުޅޭ ގެ ތަފްތީޝް ކުރުމުން ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ތަފްތީޝްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 17.06 ގްރާމުގެ އެއްޗެއް ފެނިފައިވެއެވެ. މީގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ 500 އެމްއެލްގެ 18 ފުޅި އާއި 5 ލީޓަރުގެ ބޮޑު ފުޅިއެއް ވެސް ހޯދިފައިވެއެވެ. އަދި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ އެކިއެކި ސާމާނުތައް ވެސް އެ ގެއިން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ ޒުވާނުން ކޯޓަށް ހާޒިރުކުރުމުން، އެމީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

މިހާރު މި މައްސަލައިގެ ތަހުގީގު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވަރަށް ބާރަށް ކުރިއަށް ގެންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.