ކޯވިޑް-19 ސަބަބުން ރާއްޖެއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި ޔޫރަޕިއަން ޔޫނިއަން، އީޔޫ ގުޅިގެން 1 މިލިއަން ޔޫރޯ ނުވަތަ، 19 މިލިއަން ދިވެހި ރުފިޔާ ރާއްޖެއަށް ހަދިޔާކޮށްފި އެވެ.
މި އެހީ ބޭނުން ކުރާނީ ކޯވިޑްގެ ސަބަބުން ކުއްލިހާލަތުގައި މަސައްކަތްކުރުމުގެ ވަސީލަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރަން ކަމަށް ޑަބްލިއުއެޗްއޯ އިންބުނެއެވެ. ދެ ޖަމިއްޔާ ގުޅިގެން ދޭ މި އެހީގެ ދަށުން، އައިސީޔޫގައި ދެވޭ ފަރުވާގެ ފެންވަރު ރަނގަޅު ކުރަން އިސްކަމެއް ދޭނެ ކަމަށްވެސް ޑަބްލިއުއެޗްއޯ އިން ބުންޏެވެ. އެގޮތުން އިތުރު ރީޖަނަލް އައިސީޔޫއެއް ގާއިމް ކުރުމާއި ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީ އާއި އެހެން ރީޖަނަލް އައިސީޔޫތަކަށް ބޭނުންވާ ބޭހާއި އިތުރު މެޑިކަލް ސަޕްލައި ފޯރުކޮށްދޭނެ ކަމަށް ވެސް ޑަބްލިއުއެޗުއޯ އިން މައުލޫމާތުދެއެވެ.
އީޔޫ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ އެކްޓިން އެމްބެސެޑަރ އެޗްއީ ޑެނިސް ޗައިބީ ވިދާޅުވީ ރާއްޖެ މިވެވޭ މާލީ އެހީއަކީ މި ބަލިމަޑުކަމުން އަރައިގަންނަން އެކި ގައުމުތަކަށް އީޔޫ އިން ވަމުން އަންނަ އެހީތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް އެހީވެ ސިއްހީ ނިޒާމު ހަރުދަނާވުމުން، ދިވެހިންގެ އިތުރުން ރާއްޖެއަށް ދަތުރުކުރާ އީޔޫ އާއި އެހެން ގައުމުތަކުގެ ޓޫރިސްޓުންނަށް ވެސް އޭގެ ފައިދާ ވާނެކަމަށް ޑެނިސް ވިދާޅުވި އެވެ.
މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްވެސް އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ޑަބްލިއުއެޗުއޯ އިން ބުނެއެވެ.
އީޔޫ އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ވަމުން އަންނަ އެހީތެރިކަން ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވެސް ވަނީ ފާހަގަކުރައްވާފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ހާލަތު ރައްޖޭގައި ގޯސްވިޔަނުދީ ކޮންޓްރޯލްކުރުމުގައި ޑަބްލިއުއެޗުއޯ އެއްބާރުލުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އަދި އީޔޫ ފަދަ ޖަމާއަތްތަކާއި އަވަށްޓެރި ގައުމުތަކުގެ އެހީ މިކަމުގައި ލިބުނު މިންވަރުވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.