ޔުމްނުގެ މައްސަލައިގައި ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

ޔުމްނުގެ މައްސަލައިގައި ހޯމް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

Author
ހުސައިން
06 އޮގަސްޓް 2025 04:17
0

މިދިޔަ އޭޕްރިލް މަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓި ނިޔާވި ހައްވާ ޔުމްނު ރަޝީދުގެ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވައިފިއެވެ.

ކުޑޫ މި ހުށަހެޅުއްވުން ހުށަހަޅުއްވީ ޔުމްނުގެ މައްސަލަ ބަލައި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ޖިނާއީ ތަހުގީގު ކުރަންޖެހޭ ކަމަށް ބުނެފައިވާ ފަރާތްތަކާ ގުޅިގެން ފުލުހުން ތަހުގީގެއް ކުރަމުންދޭތޯ އާއި އެ ތަހުގީގު މިހާރު ހުރި ހިސާބާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށެވެ. އަދި ރިޕޯޓުގައި ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ، އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް ވެސް ކުޑޫ އެދިވަޑައިގަންނަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ކޮމިޝަނުން ޔުމްނުގެ މައްސަލަ ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓު އާންމުކުރެއްވީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. މި ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޔުމްނު އެހެން މީހަކު ވައްޓާލި ކަމަކަށް ނުފެންނަ ކަމަށާއި، އޭނާ ވެއްޓުނީ ކުޑަދޮރުން ކަމަށް ބުރަވެވޭ ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ރައީސް މުއިއްޒު ހޯމް މިނިސްޓްރީ އާއި ސިއްހީ ވުޒާރާއަށް އަންގަވާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.