ގެދޮރުވެރިޔާ ސްކީމުގެ ގުރުއަތު ނެގުމުގައި މައްސަލަ ހުރިކަމަށް ބުނެ ހައުސިން މިނިސްޓްރީން އޭސީސީއަށް

ގެދޮރުވެރިޔާ ސްކީމުގެ ގުރުއަތު ނެގުމުގައި މައްސަލަ ހުރިކަމަށް ބުނެ ހައުސިން މިނިސްޓްރީން އޭސީސީއަށް

Author
ހުސައިން
06 އޮގަސްޓް 2025 04:14
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން ކަނޑައެޅުމުގައި ގަވާއިދާ ޚިލާފަށް ގުރުއަތު ނަގާފައިވާ ކަމަށް ބުނެ ހައުސިން މިނިސްޓްރީން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ތިން ކޮޓަރީގެ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން 76 މާކްސް އިން މަތިން ލިބުނު 301 މީހެއްގެ ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު ބައެއް މީހުންގެ ގުރުއަތު ނަގާފައިވެއެވެ. އުސޫލުން ނަމަ ފުރަތަމަ 76 މާކްސް އިން މަތިން ލިބުނު އެންމެހައި ފަރާތްތަކުގެ ގުރުއަތު ނަގައި ނިމުމަށްފަހު، 75 މާކްސް ލިބުނު މީހުންގެ ގުރުއަތު ނަގަންޖެހެއެވެ.

މިނިސްޓްރީން އޭސީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިކަމަކީ ވަކި ފަރާތްތަކަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ކުރި ކަމެއް ކަމަށް ގަބޫލުކުރެވޭތީ، މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދޭ ކަމަށެވެ. މިނިސްޓްރީން ފާހަގަކޮށްފައިވަނީ 76 މާކްސް އިން މަތިން ލިބުނު 315 މީހުންގެ ގުރުއަތު ނަގާފައިވާ ކަމަށެވެ.

މި މައްސަލާގައި ކުރީ ސަރުކާރުގެ ހައުސިން ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގުރުއަތު ނުނަގައި ހުރީ ދެމަފިރިންނަށް ފްލެޓު ލިބުމަށް ޝަރުތު ހަމަވާ ފަދަ ޚާއްސަ ހާލަތްތަކުގައި ކަމަށެވެ. 2023 ނޮވެމްބަރު 15 ގައި ނެރުނު އިއުލާނެއްގައި، ދެމަފިރިން ވަކިން ފޯމު ހުށަހަޅައިގެން ދެމީހުންނަށް ވެސް ޝަރުތު ހަމަވާނަމަ އެއް ފްލެޓު ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަކްރަމް ތުހުމަތު ކުރެއްވި ގޮތުގައި، ސަރުކާރު ބަދަލުވުމަށްފަހު މި މަސައްކަތުގައި އުޅުނު މުވައްޒަފުން އެކަހެރިކޮށް، ކަން ހިނގި ގޮތް ނުބަލައި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ސަބަބުން ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ދޮގު މައުލޫމާތު ދެމުން އަންނަ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.