ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ވޯޓު ހޯދުމަށް ކައުންސިލްތަކުގެ ބާރު ހަނިކުރަން ހުށަހެޅި އިސްލާހެއް: އެމްޑީޕީ

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަކީ ވޯޓު ހޯދުމަށް ކައުންސިލްތަކުގެ ބާރު ހަނިކުރަން ހުށަހެޅި އިސްލާހެއް: އެމްޑީޕީ

Author
ހުސައިން
05 އޮގަސްޓް 2025 01:36
0

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަކީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ވަޒީފާތައް ބަހައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ހޯދުމަށް ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވުމާ ގާތްވެފައިވާ މި ވަގުތު، ކައުންސިލް އިދާރާތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމުގައި ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނާ އިސްލާހެއް މިދިޔަ އާދިއްތަ ދުވަހު ސަރުކާރުން ވަނީ ހުށަހަޅާފައެވެ. މި އިސްލާހުން ކައުންސިލްތަކުގެ މާލީ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި އިސްލާހަކީ އެއްވެސް ދިރާސާއެއް ނުކޮށް ކައުންސިލްތައް މާލީގޮތުން ބަލިކަށިކުރުމުގެ ނިޔަތުގައި ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

"ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވައިލަނީ ފަސް އަހަރު ދުވަހަށް. ހަތަރު އަހަރު ދުވަހަކަށް ނޫން. އެހެންކަމަށް ވާނަމަ މި އިސްލާހު އެ ބޭފުޅުން ގެންނަން ބޭނުންވާނަމަ، އަޅުގަނޑު އެދެން މިބުނާ މާއްދާއަށް ވެސް އިސްލާހު ގެންނަން. ތަރައްގީގެ ޕްލޭން އެކުލަވައިލަން ވާނީ ހަތަރު އަހަރަށް ކަމަށް،" އަލީ ނިޔާޒް ވިދާޅުވިއެވެ.

އިންތިޚާބަށް އެއް އަހަރު ބާކީ އޮތް މި ވަގުތު ހުށަހެޅި މި އިސްލާހުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިގެންދާނެ ކަމަށާއި، ގާނޫނުގެ އެހެން މާއްދާތަކާ ވެސް މި އިސްލާހު ފުށުއަރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ފަށާފައިވާ ކަމަށެވެ. ވަޒީރުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި އެންމެ ބޮޑަށް ފާހަގަކުރައްވަނީ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުގެ މިހާރުގެ ވެސް ވިސްނުމަކަށް މި އޮތީ ކައުންސިލްތައް ހުއްޓުވާފައި ކައުންސިލްތަކުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާގޮތަށް ދެ އަތާއި ދެފައި ބަނދެފައި ސަރުކާރުން ރަށްރަށަށް އަރައި ވަޒީފާ ބަހައިގެން އިންތިޚާބު ކާމިޔާބުކުރުން،" އަލީ ނިޔާޒް ވިދާޅުވިއެވެ.

މިއީ ހުރިހާ އިންތިޚާބަކަށް ވެސް ހިނގާނެ އުސޫލެއް ނަމަ މި އިސްލާހު ގަބޫލުކުރަން ފަސޭހަވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ. އެގޮތުން ކަންބޮޑުވުން ނޫސްބަޔާނެއްގެ ސިފައިގައި ނެރުމާއި، ކައުންސިލްތައް އެކުވެގެން އައިސް މިކަމާ އިހުތިޖާޖުކުރުމަށް މަޖިލީހުގެ މެންބަރުންނާ އެކު ނުވަތަ ދައުލަތުގެ ވެރިންނާ އެކު މަޝްވަރާކުރުމާއި، އެވަރުން ހައްލެއް ނުލިބިއްޖެނަމަ ސުލްހަވެރިކަމާ އެކު އިހުތިޖާޖުކުރުމާއި، ރައްޔިތުންނާ ބައްދަލުކޮށް މި އިސްލާހުގެ މައުލޫމާތު ދިނުން ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް މިފަދަ އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން މި ހުށަހެޅީ، އެފަދަ ވާހަކަތަކެއް މީގެ ކުރިން ވެސް ދެކެވިފައިވަނިކޮށެވެ. މީގެ ކުރިން މި ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން ވަނީ ލާމަރުކަޒީ ގާނޫނަށް ދެތިން ފަހަރު އިސްލާހު ވެސް ގެނެސްފައެވެ. މި އިސްލާހާ ދެކޮޅަށް ގަމާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ފަދަ ބޮޑެތި ކައުންސިލްތަކުން ވެސް ވަނީ އިހުތިޖާޖު ފާޅުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.