ވީއައިއޭ ތަރައްގީއަށް ނެގި ލޯނަކީ ދަރަންޏެއް ނޫން: އިކޮނޮމިކް މިނިސްޓަރު

ވީއައިއޭ ތަރައްގީއަށް ނެގި ލޯނަކީ ދަރަންޏެއް ނޫން: އިކޮނޮމިކް މިނިސްޓަރު

Author
ހުސައިން
05 އޮގަސްޓް 2025 10:56
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީކުރުމަށް ނަގާފައިވާ ލޯނަކީ ދަރަންޏެއް ކަމަށް ނުބެލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ މައި އިގުތިސާދީ އަސާސް ކަމުގައިވާ ޓޫރިޒަމް ސިނާއަތާ ސީދާ ގުޅިފައިވާ އިންވެސްޓްމަންޓެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެމްޑީޕީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވީއައިއޭ ދަރަނީގެ ޒިންމާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެޅުވުމަށް ކުރައްވާ މަސައްކަތަކީ ހަގީގަތާ ޚިލާފު ކަމެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކޮމްޕެއާ ކުރެވިދާނެ އޮއިލް ރިޗް ގައުމުތަކުގައި ޕެޓްރޯލިއަމް އެމީހުންގެ ގައުމަށް މުހިންމުވާހެން. އެހެންވީމާ ޓޫރިޒަމްގެ ސިނާއަތް މުހިންމު ވަންޏާ، އޭގެ ޑިފޯލްޓް ޖަވާބަކީ އެއާޕޯޓޭ އެންމެ މުހިންމުވާން ޖެހޭ ތަނަކީ. އެހެންވީމާ އެއީ އޭގެ ޒާތުގައި ދަރަންޏެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް އިސްމާއީލް މިދިޔަ މަހުގެ 16 ވަނަ ދުވަހު އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ވީއައިއޭ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ދަރަނި ނެގުމުގެ ސިޔާސަތަކީ އެމްޑީޕީ ސަރުކާރުތަކުން ގެންގުޅުއްވާ ސިޔާސަތެއް ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރުގައި ވީއައިއޭ ތަރައްގީކުރުމުގެ މަސައްކަތް ފެށީ ޓޫރިޒަމް ދާއިރާ ކުރިއެރުވައި އިގުތިސާދު ފުޅާކުރުމަށް ކަމަށެވެ.

"އެމްޑީޕީގެ އިޝޫއަކީ ދިވެހިރާއްޖެ 40 އަހަރުން ނުއުފައްދާ ދަރަނި އެބޭފުޅުން އުފެއްދީ ރިކަރަންޓް އެކްސްޕެންޑިޗާއިން ސަރުކާރު ހިންގަން. މިއަދު ރާއްޖޭގައި ދިމާވެގެން މިއުޅޭ ހާލަތުގެ އެންމެ ބޮޑު ކޮންޓްރިބިއުޓަރަކީ އެމްޑީޕީ،" ސައީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް އެއާޕޯޓު ވިއްކާލީ 78 މިލިއަން ޑޮލަރު ހޯދަން ކަމަށާއި، ހުރިހާ ބާރެއް ގެއްލޭގޮތަށް ޖީއެމްއާރަށް ދިން އިރު، އެ ކުންފުނީގެ ޕްލޭންގައި އެއާޕޯޓުގައި ދެވަނަ ރަންވޭއެއް ހެދުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިންވެސްޓްމަންޓަށް ގެންނަ ފައިސާ ނުގެނެސް، ރާއްޖޭގެ ޓޫރިޒަމް އިތުރުކުރާނެ ގޮތެއް ނޯންނާނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، އޭރުން ރާއްޖޭގެ ޖީޑީޕީ އޮންނާނީ އަބަދުވެސް ހިފެހެއްޓިފައި އޮންނަ މިންވަރެއްގައި ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އިތުރުކުރެވެން އޮތީ އާ ރަށްތައް ދޫކޮށް، އާ ޓޫރިސްޓް އެނދު އިތުރުކޮށް، އާ ވިސްނުންތައް ޓޫރިޒަމްގެ ސިނާއަތަށް ގެނެސްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދަރަނި ދެއްކޭނެ އިންތިޒާމެއް ނެތި ނިމިދިޔަ ދައުރުގައި އެތައް ބިލިޔަން ރުފިޔާގެ ދަރަންޏެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އޭރު މަޝްރޫއުގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން މި ސަރުކާރުން ވަރަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ކަވި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.