ހުޅުމާލޭ ހޮސްޕިޓަލުގައި ތާރީޚުގައި ފުރަތަމަ ފަހަރަށް މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށާނީ މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގައި ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ޕީއެސްއެމް ނިއުސްއަށް ހުޅުމާލޭ ހޮސްޕިޓަލުން ދިން މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު އިންޓާން ޑޮކްޓަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދަމުންދާ ކަމަށެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމްގައި 15 ދަރިވަރުން ބައިވެރިވާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ރާއްޖެއިން ބޭރުގައި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ކުރުމުގެ ފުރުޞަތު ހޯދުމުގައި ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި މި ފުރުޞަތު ތަނަވަސްކޮށްދެމުން ގެންދެއެވެ. މިހާތަނަށް މާލޭގެ އައިޖީއެމްއެޗް އާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން، އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މި ފުރުޞަތު ފަހިވެފައިވެއެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިދިޔަ ޖުލައި މަހު އިންޓާންޝިޕް ޕްރޮގްރާމް ފަށާފައިވާ ކަމަށް ފާހަގަކުރެވެއެވެ.
މެޑިސިން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ސަނަދު ލިބެނީ އިންޓާންޝިޕް ފުރިހަމަކުރުމުންކަމުން، މިއީ ވަރަށް މުހިންމު މަރުޙަލާއެކެވެ. ބޭރު ޤައުމުތަކުގައި ވެސް މި ފުރުޞަތު ތަނަވަސްކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވެސް ފާހަގަކުރެވެއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި، އެ ޤައުމުގެ 7 މެޑިކަލް ކޮލެޖަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ކުރުމުގެ ފުރުޞަތު ދިނުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން ނޭޕާލް ފަދަ އެހެން ޤައުމުތަކުގައި ވެސް ދިވެހި ދަރިވަރުން އިންޓާންޝިޕް ކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ