ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށާއި މި ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން އުފެއްދި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ގަވާއިދު އާންމުކޮށްފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ފަންޑަކީ ފަތުރުވެރިކަމުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ. ފަންޑުގެ އަސާސީ މަގުސަދަކީ ފަތުރުވެރިކަމަށް ފޯރުކޮށްދޭ މާލީ އެހީތައް ޒިންމާދާރުކަމާއި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
މި ފަންޑަށް ފައިސާ ލިބޭނީ ޓޫރިޒަމް މިނިސްޓްރީގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ގޮތުގައި ދައްކާ ފައިސާއާއި، ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީ އަދި ތަމްރީނު ޕްރޮގްރާމްތަކަށް ނަގާ ފީތަކުންނެވެ.
ފަންޑު ހިންގާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް، އެހެން ފަންޑުތަކާ ވަކިން، ޓޫރިޒަމް މިނިސްޓްރީންނެވެ. ފަންޑު ބެލެހެއްޓުމަށް ހަތް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާނެ ކަމަށާއި، އޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޓޫރިޒަމް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ، ބަންޑާރަނައިބުގެ އޮފީސް، ހައުސިން މިނިސްޓްރީ އަދި މީރާގެ ތަމްސީލު ހިމެނޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ކޮމިޓީގެ ޗެއާޕާސަންކަން އަދާކުރާނީ ޓޫރިޒަމް މިނިސްޓަރެވެ.
ފަންޑުގެ ފައިސާ ޚަރަދުކުރެވޭނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ހިންގާ މަޝްރޫއުތަކަށާއި، ވަސީލަތްތައް ކުރިއެރުވުމަށް އިންވެސްޓްކުރުމަށާއި، ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށާއި، އިޖުތިމާއީ ފައިދާ ކުރާ މަޝްރޫއުތަކަށެވެ.
ކޮންމެ އަހަރެއް ނިމުމުން، ފަންޑުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ތައްޔާރުކޮށް، ތިން މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އޮޑިޓަރ ޖެނެރަލްއަށާއި، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ސަރުކާރުން ކުރަމުންދާ ޚަރަދުތަކުގެ ތެރޭގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ލިވަޕޫލް އެފްސީގެ ސްޕޮންސަރޝިޕަށް މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް ލަފާކުރެއެވެ. މި ކެމްޕެއިން 2028 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
އެމްއެމްޕީއާރުސީ އަކީ ކުރިން 1.4 ބިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލައިގައި ތުހުމަތުވި ކުންފުންޏެއް ނަމަވެސް، މިދިޔަ އަހަރު އެ ކުންފުންޏަށް 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ