ޝުޖާއުގެ މައްސަލަ އޭސީސީން ބަލަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައި

ޝުޖާއުގެ މައްސަލަ އޭސީސީން ބަލަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައި

Author
ހުސައިން
04 އޮގަސްޓް 2025 04:13
0

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އާއި އޭނާގެ ކުންފުނިތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށް އޭސީސީން ހާމަކޮށްފިއެވެ. މި މައްސަލައިގައި ޝުޖާއު އާއި އޭނާގެ އާއިލީ މެންބަރުންގެ ކުންފުނިތަކަށް 42.5 މިލިއަން ރުފިޔާ ސަރުކާރުގެ ކުންފުނިތަކުން ދޫކޮށްފައިވާ ކަމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ފެތުރުނު އެފްއައިޔޫގެ ރިޕޯޓުގައި ބުނާ ގޮތުން 2023 ނޮވެމްބަރު 1 އިން 2024 ޖެނުއަރީގެ ނިޔަލަށް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް، ސްޓޯ ޕްރޯސް ޓްރޭޑިން، ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އަށް ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވެއެވެ. މީގެ ތެރޭގައި ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރި ސިވެކަށް ފިނޭންސް މިނިސްޓްރީން ދޫކުރި 23 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އަށް ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނާ ގޮތުން އޮފިޝަލް އިވެންޓްސް އަށް ލިބުނު ފައިސާގެ ބައެއް ބޭނުންކޮށްގެން އަގުބޮޑެތި ދެ އެޕާޓުމަންޓެއް ގަނެފައިވެއެވެ. މި ދެ ފްލެޓުގެ ތެރެއިން އެއް ފްލެޓަކީ ޝުޖާއު ގަތް ފްލެޓެއް ކަމަށާއި އަނެއް ފްލެޓަކީ އޮފިޝަލް އިވެންޓުގެ ހިއްސާދާރު އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމް ގަތް ފްލެޓެއް ކަމަށް ބުނެފައިވެއެވެ. މި ފްލެޓުތަކުގެ އަސްލު އަގަކީ 20 މިލިއަން ރުފިޔާ ކަމަށް ރިޕޯޓުގައި ވެއެވެ.

ކުއިކް ޝުއާ އަކީ ޝުޖާއުއާ އާއިލީ ގުޅުމެއް އޮންނަ، ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ޑީކިއު ހޯލްޑިންސް އަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާ އަށް 2.3 މިލިއަން ރުފިޔާ އޮފިޝަލް އިވެންޓްސް އިން ދޫކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުންވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، މިހާތަނަށް ޝުޖާއު ނުވަތަ ރިޕޯޓުގައި ނަން ހިމެނޭ އެހެން ފަރާތްތަކާ ސުވާލު ކޮށްފައިވާ ކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ. އެމްއެމްއޭ އިންވެސް މި ރިޕޯޓާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.