ކައުންސިލްތަކުގެ ދައުރު ހަމަވާން ކައިރިވުމުން މާލީ ކަންކަން އިންތިގާލީ އިންތިޒާމެއްގެ ދަށުން ބަލަހައްޓާ އިސްލާހެއް

ކައުންސިލްތަކުގެ ދައުރު ހަމަވާން ކައިރިވުމުން މާލީ ކަންކަން އިންތިގާލީ އިންތިޒާމެއްގެ ދަށުން ބަލަހައްޓާ އިސްލާހެއް

Author
ހުސައިން
04 އޮގަސްޓް 2025 09:36
0

ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން މާލީ ކަންކަމާއި މުހިންމު ނިންމުންތައް ނިންމުމަށް ހުރަސްއެޅޭނެ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ސަރުކާރުން ހުށަހަޅައިފި އެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ކައުންސިލްތަކުގެ ދައުރު ހަމަވުމަށް 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މެނުވީ ބައެއް ކަންކަން ނުކުރެވޭނެ ކަމަށެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ދައުރު ހަމަވާން ކައިރިވެފައިވާ ވަގުތުގައި މަނާކުރެވޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް މުވައްޒަފުން އައު ގޮތުގައި ނެގުމާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމެވެ. އަދި ކައުންސިލްތަކުން ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭންތަކުގައި ނުހިމެނޭ އައު މަޝްރޫއުތައް ފެށުންވެސް މަނާކުރެވޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކުރެވިފަ އެވެ. މި އިސްލާހަކީ ކައުންސިލްތަކުގެ ދައުރު ނިމުމުގެ ކުރިން އިންތިގާލީ މަރުހަލާގައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުމަށް ހުށަހެޅިފައިވާ އިސްލާހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.