2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވީޑިއޯ ކްލިޕް މުބާރާތެއް ބާއްވާ ގޮތަށް ނިންމައިފިއެވެ. "ޑިމޮކްރަސީގެ އަސާސްތައް ޕްރޮމޯޓްކުރުން – ރައްޔިތުންގެ މަޖިލީހުގެ ދައުރު" މި ނަމުގައި ބާއްވާ މުބާރާތުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.
މި މުބާރާތް ބާއްވާ މައިގަނޑު މަޤްޞަދަކީ ޑިމޮކްރަސީގެ އަސާސްތަކާއި އޭގެ މުހިންމުކަން އާންމުންނަށް އިތުރަށް ތަޢާރަފްކޮށްދިނުމާއެކު، ޑިމޮކްރަސީ ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ ދެ ގޮތަކުންނެވެ. އެއީ އަމިއްލަ ފަރުދުންގެ ގޮތުގައި ބައިވެރިވުމާއި ޖަމްޢިއްޔާތަކުގެ ފަރާތުން ބައިވެރިވުމެވެ.
އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން 15 ސެޕްޓެންބަރު 2025 ގެ ނިޔަލަށް 16 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް މި ފުރުޞަތު ލިބިގެންދާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމެއް ފުރިހަމަކުރަން ޖެހޭނެއެވެ.
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑުގެ ކޮޕީއެއް ނުވަތަ ޖަމްޢިއްޔާތަކުން ބައިވެރިވާނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހިމެނެއެވެ. މީގެ އިތުރުން މުބާރާތަށް ހުށަހަޅާ ވީޑިއޯ ކްލިޕްގެ ލިންކެއް ވެސް ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 15 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ. މުބާރާތުގެ އުސޫލުތަކާއި އިނާމުތަކާ ބެހޭ ތަފްސީލު މަޢުލޫމާތު މުބާރާތުގެ ގައިޑްލައިނުން ލިބޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.
މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަނާ ގުޅުމަށް މަޖިލީހުގެ އިދާރާއިން އެދިފައިވެއެވެ. މި މުބާރާތަކީ ޑިމޮކްރަސީގެ އަސާސްތައް ކުރިއެރުވުމާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޑިމޮކްރެޓިކް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ބާއްވާ މުބާރާތެއް ކަމަށް މަޖިލީހުގެ އިދާރާއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ