ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ އެމްޑީޕީން ދެކޮޅު، ގޮވާލީ އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ އެމްޑީޕީން ދެކޮޅު، ގޮވާލީ އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް

Author
ހުސައިން
03 އޮގަސްޓް 2025 07:14
0

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ބޭނުމަކީ "ކައުންސިލުތައް ނެތިކޮށްލުން" ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކައުންސިލަރުންނާއި ރައްޔިތުންނަށް އެ އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް ގޮވާލައިފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ކައުންސިލްތަކުން ވިޔަފާރި ކުރުމާއި، ތަންތަން ކުއްޔަށް ދިނުމާއި، ތަރައްގީގެ ޕްރޮޖެކްޓް ހިންގުމާއި، މުވައްޒަފުން ނެގުމަށް ލިބޭ ބާރުތައް ހަނިކުރުމަށް ކަމަށެވެ. މި އިސްލާހުތަކުގެ ބޭނުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ ވިދާޅުވީ، މި އިސްލާހުތަކުން ކައުންސިލްތަކުގެ މާލީ މިނިވަންކަން އަނބުރާ ސަރުކާރަށް ނަގައި، އަތޮޅުތަކުން ވަޒީރު ފައިބުޑަށް ސަލާންޖަހަން ދާންޖެހޭ ނިޒާމެއް އުފެދޭނެ ކަމަށެވެ.

ބިލުގައި ހިމެނޭ މައިގަނޑު ހަނިކުރުންތަކުގެ ތެރޭގައި، ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުމާއި، ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، ކައުންސިލުގެ ބޭންކު އެކައުންޓުތައް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށާއި، ކައުންސިލުގެ މުއްދަތުގެ އެންމެ ފަހު އަހަރުގައި ދާއިމީ މުވައްޒަފުން ނެގުމާއި ބިން ކުއްޔަށް ދިނުމާއި އާ ޕްރޮޖެކްޓުތައް ފެށުމަށް ވެސް ހުރަސްތައް ކުރިމަތިކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.