ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއް ނުލާ: އެފްޑީސީ

ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއް ނުލާ: އެފްޑީސީ

Author
ހުސައިން
03 އޮގަސްޓް 2025 01:46
0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. "ފަހި ޕޯޓަލް"ގައި ރެޖިސްޓަރީވެ ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑް ކުރާ ފަރާތްތަކަށް ސޮއިކުރުމަށް ގުޅަމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޖުލައި 21 ގައި ފެށުނު މި މަސައްކަތުގެ ދަށުން މިހާތަނަށް 230 އަށްވުރެ ގިނަ ފަރާތްތަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށް އެފްޑީސީން މަޢުލޫމާތު ދެއްވިއެވެ. އެއްބަސްވުންތައް ތައްޔާރުކުރަނީ އެފްޑީސީން ނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ނިންމަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންކަން ފާހަގަކުރެވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން 2665 މީހެއްގެ ނަން އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީއަށް ފޮނުވިފައިވާއިރު، މި މަސައްކަތް އަވަސްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ދުވާލަކު ސޮއިކުރެވޭ އަދަދު އިތުރުކުރުމަށާއި، ވުޒާރާއިން ފޮނުވާ ލިސްޓްތައް އަވަހަށް ޕްރޮސެސްކުރުމާއި، ޕޯޓަލަށް ލިޔެކިޔުން އަޕްލޯޑްކުރުމަށް ދޭ މުއްދަތު ކުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެފްޑީސީން ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ސޮއިކުރުމަށް ޤާއިމުކޮށްފައިވާ ޑެސްކްތައް އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޙާޟިރުވުމުގެ ކުރިން، ބޭނުންވާ ލިޔެކިޔުންތައް "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށްފަހު، ސޮއިކުރަން ޙާޟިރުވާންޖެހޭ ދުވަހާއި ގަޑި އެފްޑީސީން އަންގާނެކަމަށް ބުނެފައިވެއެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކާއެކު އެއްބަސްވުންތައް ނިންމައި، ފްލެޓްތައް ހަވާލުކުރުމަކީ އެފްޑީސީގެ އަމާޒުކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.