މާލޭ އުތުރު ބަނދަރުގެ އާ ސަރަހައްދުން މަސްދޯނިފަހަރަށް ފީ ނުނަގާނެ

މާލޭ އުތުރު ބަނދަރުގެ އާ ސަރަހައްދުން މަސްދޯނިފަހަރަށް ފީ ނުނަގާނެ

Author
ހުސައިން
02 އޮގަސްޓް 2025 10:16
0

މާލޭ އުތުރުފަރާތު ބަނދަރަށް އާކުރި ސަރަހައްދުގައި ބަނދަރުކުރާ އުޅަނދުތަކުން ފީ ނެގުން ފަށާފައިވީނަމަވެސް، މަސްދޯނިފަހަރު މި އުސޫލުން އިސްތިސްނާކުރާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާމަކޮށްފިއެވެ.

ޖުލައި މަހުގެ ފުރަތަމަ ބައިގައި އެމްޕީއެލާ ހަވާލުކުރި މި ސަރަހައްދަކީ މާލޭ އުތުރު ބަނދަރުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ހިމެނޭ ބައެވެ. އެމްޕީއެލުން ބުނި ގޮތުގައި މަސްދޯނިފަހަރަށް ޚާއްސަކޮށް E އަދި F ޒޯން ކަނޑައަޅައި، އެ ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނުނަގާ ގޮތަށް ހަމަޖައްސާފައިވެއެވެ.

އެހެންކަމަކު މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުގެ އުސޫލުން ފީ ނަގަމުން ގެންދާނެއެވެ. "އޭ" ޒޯނުން އުޅަނދުގެ ފުޅާމިނުގެ ގަޑިއަކު މީޓަރަކަށް 50 ލާރި ނަގާއިރު، "ބީ" އަދި "ސީ" ޒޯނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެއެވެ.

މަސްދޯނިފަހަރަށް ޚާއްސަކުރި ސަރަހައްދު އަންނަ ދެތިން ދުވަހުގެ ތެރޭގައި ތަރުތީބުކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވެއެވެ. އަދި ކިއު ސިސްޓަމެއް ތައާރަފުކޮށްގެން ޚިދުމަތް ދޭން ފަށާނެއެވެ. މަސްވެރިކަމަށް ބޭނުންނުކުރާ އުޅަނދުތަކާއި ބިދޭސީން ދިރިއުޅޭ ގޮތަށް ބޭނުންކުރާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް މަސްވެރިންގެ މަޝްވަރާގެ މަތިން ގޮތެއް ނިންމާނެކަމަށް އެމްޕީއެލުން ބުނެއެވެ.

އާ ސަރަހައްދުގައި ޖުމުލަ 99 އުޅަނދު އެޅޭނެ ޖާގަ ހަމަޖައްސާފައިވެއެވެ. މީގެ ތެރެއިން 25 އުޅަނދަކީ ވެއިޓިންގައި ބޭއްވޭ އުޅަނދުތަކަށް ޚާއްސަކުރި ޖާގައެވެ. މުދަލާއި ފަސިންޖަރުން އުފުލާ 54 އުޅަނދަށް ޖާގަ ދޭއިރު، މަސްވެރި އުޅަނދުތަކަށް 20 ޖާގަ ކަނޑައަޅާފައިވެއެވެ. މަސް ބާނައިގެން އައިސް ބާލާފައި ފަސޭހައިން ނިކުމެވޭނެ ގޮތަށް ހުރަސް ތޮށިވެސް ހުޅުވާލާފައި އޮންނާނެއެވެ.

މާލޭ އުތުރު ބަނދަރުން މަހަކު 130 އެއްހާ ބޯޓު ޚިދުމަތް ހޯދާކަން ފާހަގަކުރަމުން އެމްޕީއެލުން ބުނީ، ކުރިން ކީވޯލުގައި ޖާގަ ލިބެން 5 ދުވަސް ހޭދަވި ނަމަވެސް، މިހާރު 1 ނުވަތަ 2 ދުވަހުގެ ތެރޭގައި ޖާގަ ލިބޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

14 އަހަރުވެފައިވާ މާލޭ އުތުރު ބަނދަރުގެ މަރާމާތު މަސައްކަތްވެސް ކުރިއަށްދާކަން އެމްޕީއެލުން ފާހަގަކުރިއެވެ. ކޮންމެ ދުވަހަކު ގިނަ އުޅަނދުފަހަރެއް މުދާ އަރުވައި ބާލާ މި ސަރަހައްދުގައި ފެނާއި ތެޔޮ ލިބޭނެ އިންތިޒާމުތަކާއި އިތުރު ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކެމެރާ ހަރުކޮށް ޗެކްޕޯސްޓުތައް ބެހެއްޓުމަށްވެސް ރާވާފައިވާކަން އެމްޕީއެލުން ހާމަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.