ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުގައި އެޗްޑީސީން ތައްޔާރުކޮށްފައިވާ ޚާއްޞަ ފުޅަނދުތައް މިއަދު ހުޅުމާލޭގެ ސެންޓަރް ޕާކުގައި އަލުން ދައްކާލުމަށް ހަމަޖައްސައިފިއެވެ. މި ފުޅަނދުތައް ދެއްކުން އޮންނާނީ ހަވީރު 4:30 އިން 6:00 އާ ދެމެދު އަދި ރޭގަނޑު 8:00 އިން 10:00 އާ ދެމެދުގައެވެ.
ޖުލައި 26 ގައި ފުރަތަމަ ފަހަރަށް ހުޅުމާލޭގެ މަގުތަކުގައި މި ފުޅަނދުތައް ދައްކާލުމުން ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއެކު، ޖުލައި 28 ގައި އަލުން ދައްކާލުމަށް ހަމަޖެއްސިއެވެ. ނަމަވެސް މޫސުން ގޯސްވުމުން އެ ދުވަހު ޕްރޮގްރާމް ކެންސަލް ކުރަންޖެހުނެވެ.
މައިންކްރާފްޓް ތީމަށް ޑިޒައިންކޮށްފައިވާ މި ފުޅަނދުތަކުގައި ހުޅުމާލޭގެ މަޝްހޫރު ލޭންޑްމާކްތަކާއި މަންޒަރުތައް ހިމެނެއެވެ. އެޗްޑީސީގެ މުވައްޒަފުން ދެ ހަފްތާގެ މުއްދަތުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން މި ހުނަރުވެރި މަސައްކަތް ފުރިހަމަކޮށްފައިވެއެވެ.
މިނިވަން 60 ފާހަގަކުރުމަށް ސަރުކާރުން ރާވާފައިވާ ޙަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށް ގެންދިޔަ މި ޚާއްޞަ މަސައްކަތަށް ރައްޔިތުން، ޚާއްޞަކޮށް ކުޑަކުދިން ދައްކާފައިވާ ޝައުޤުވެރިކަމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެކެވެ. ފުޅަނދުތައް ބަލަން ނުކުތް ގިނަ ބަޔަކު މި ކުލަގަދަ މަންޒަރުތަކާ ދިމާވެ، ފޮޓޯ ނަގައި، އުފާވެރިކަން ފާޅުކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ