އެމެރިކާގެ ފިއްތުތަކުގެ ސަބަބުން އިންޑިއާގެ ސަރުކާރުގެ ތެޔޮ ރިފައިނަރީތަކުން ރަޝިއާގެ ތެޔޮ ގަތުން ވަގުތީގޮތުން ހުއްޓާލައިފިއެވެ. މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އިގްތިސާދީ ތަޖުރިބާކާރުން ލަފާކުރެއެވެ.
ރިޕޯޓްތަކުން ފާހަގަކުރާ ގޮތުގައި، ރަޝިއާއިން ތެޔޮ ގަންނަ ނަމަ އެމެރިކާއިން އިންޑިއާއަށް ޓެރިފް ނަގާނެކަމުގެ އިންޒާރު ދިނުމާއި، ރަޝިއާއިން ލިބެމުން އައި ތެލުގެ ޑިސްކައުންޓްތައް ކުޑަވުމުގެ ސަބަބުން މި ފިޔަވަޅު އަޅަން ޖެހުނެވެ. އެހެންނަމަވެސް އިންޑިއާއަށް އެތެރެކުރާ ތެލުގެ 60 ޕަސެންޓް ގަންނަ އަމިއްލަ ރިފައިނަރީތަކުން އަދިވެސް ރަޝިއާގެ ތެޔޮ ގަނެމުން ގެންދެއެވެ.
އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް އެއްވެސް ރަސްމީ އިރުޝާދެއް ދީފައެއް ނުވެއެވެ. ރަޝިއާގެ ތެޔޮ ގަތުން މަޑުޖައްސާލުމާއެކު، ސަރުކާރު ހިއްސާވާ ރިފައިނަރީތަކާއި ރިލަޔަންސް ފަދަ ބޮޑެތި ކުންފުނިތަކުން ތެޔޮ ހޯދުމަށް މެދުއިރުމަތީގެ ގައުމުތަކާއި ހުޅަނގު އެފްރިކާގެ ގައުމުތަކަށް ބަލަން ފަށައިފިއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން މުޅިން ހުއްޓާލައިފި ނަމަ، އިންޑިއާގެ ތެޔޮ އިމްޕޯޓް ބިލް 14 ބިލިއަން ޑޮލަރު އިތުރުވާނެއެވެ. މީގެ އިތުރުން، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުން ދިޔުމުގެ ސަބަބުން ބައިނަލްއަގްވާމީ ތެލުގެ އަގު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީފައިވާކަން ފާހަގަކުރެވެއެވެ.
އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމުގެ ސަބަބުން އިންޑިއާއަށާއި ހުޅަނގުގެ ގައުމުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ. މި ބަދަލުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގުތަކަށް އަންނާނެ ބަދަލުތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެވެއެވެ.
ކޮމެންޓު ފޮނުވާ