ސޯޝަލް މީޑިއާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ތ. ތިމަރަފުއްޓަށް ނިސްބަތްވާ 25 އަހަރުގެ މޫސާ މަސީހު، ކްރިމިނަލްކޯޓުން 10 ދުވަހަށް ބަންދުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ވިދާޅުވި ވާހަކަ ހިމެނޭ ނޫސް ރިޕޯޓެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު، މަސީހު ވަނީ ރައީސަށް ހުތުރުބަހުން މުހާތަބުކޮށް އެމަނިކުފާނު މަރާލަން ޖެހޭ ކަމަށް ލިޔެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ފޯނު ވެސް ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރާގޮތަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް، އެ ބިލު އިތުރަށް ދިރާސާކުރުމަށް ކަމާގުޅޭ އިދާރާތަކަށް ދަންނަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ