ވައިޓް ހައުސްގައި 200 މިލިއަން ޑޮލަރުގެ ބޯލްރޫމެއް ބިނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. މި އަދަދަކީ ދިވެހި ރުފިޔާއިން ބަލާއިރު 3 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލައިން ލެވިޓް ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަޝްރޫޢަށް ޚަރަދުކުރާނީ ޓްރަމްޕްގެ އަމިއްލަ ފައިސާގެ އިތުރުން، ނަން ހާމަނުކުރާ ވިޔަފާރިވެރިއެއްގެ ހަދިޔާ ފައިސާއިން ކަމަށެވެ. 150 އަހަރަށްވުރެ ގިނަ ދުވަހު ވެފައިވާއިރު، ވައިޓް ހައުސްގައި ބޮޑު ރަސްމިއްޔާތުތައް ބޭއްވޭނެ ޖާގައެއް ބޭނުންވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައު ބޯލްރޫމްގައި 8,000 އަކަމީޓަރުގެ ޖާގައިގައި 650 މީހުންނަށް އިށީނދެވޭނެއެވެ. މި އިމާރާތުގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށި، 2029 ގެ ޖަނަވަރީ މަހު ޓްރަމްޕްގެ ދެވަނަ ދައުރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
ކުރީގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމުގައިވާ ޓްރަމްޕް ވިދާޅުވީ، ވައިޓް ހައުސްގައި ރަނގަޅު ފެންވަރުގެ ބޯލްރޫމެއް ނެތީ އެފަދަ ތަނެއް ބިނާކުރަން އެނގޭ ރައީސެއް އެމެރިކާއަށް ނައިސްފައި ނުވާތީ ކަމަށެވެ. "އަޅުގަނޑަކީ ތަންތަން އިމާރާތްކުރުމުގައި މޮޅު މީހެއް. މިއީ ވަރަށް ރީތި ތަނަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ހުށަހެޅި ޑިޒައިންގައި ދައްކާ ގޮތުން، މިއީ އުސް ކުޑަދޮރުތަކެއް ހިމެނޭ ހުދު ކުލައިގެ އިމާރާތެކެވެ. އިމާރާތުގެ ބޭރުފުށް ވައިޓް ހައުސްގެ މައި އިމާރާތާ އެއްގޮތަށް ޑިޒައިންކޮށްފައިވާއިރު، އީސްޓް ވިންގް ކައިރީގައި ބިނާކުރެވޭނެއެވެ.
މިއީ 20 ވަނަ ގަރުނުގެ ފުރަތަމަ ބައިގައި ރައީސް ތިއޯޑޯ ރޫޒްވެލްޓް ވައިޓް ހައުސް މަރާމާތުކުރި ފަހުން، އެތަނުގައި ހިންގޭ އެންމެ ބޮޑު މަޝްރޫޢު ކަމަށް ރިޕޯޓްތައް ބުނެއެވެ. ރައީސް ހެރީ ޓްރޫމަން ވެސް 1948-1952 ގައި މުހިންމު މަރާމާތުތަކެއް ކުރި ނަމަވެސް، ބޭރުފުށަށް ބަދަލެއް ނުގެނެސްއެވެ.
ބުރާސްފަތި ދުވަހު ޓްރަމްޕް ސްކޮޓްލޭންޑްގައި ހުރި ޓާންބަރީ ގޮލްފް ރިސޯޓުގައި އޭނާގެ ނަމަށް ކިޔާ އައު ބޯލްރޫމަށް ތަޢުރީފުކުރެއްވިއެވެ. މީގެ އިތުރުން، ފްލޮރިޑާގެ މާ-އަ-ލާގޯ ގަނޑުވަރުގެ ބޯލްރޫމް ވެސް އޭނާގެ ޑިޒައިން ގޮތްތަކުގެ ނަމޫނާއެއް ކަމަށް ބެލެވެއެވެ.
ފަހަކަށް އައިސް، ޓްރަމްޕް ވައިޓް ހައުސްގެ ތާރީޚީ ރޯސް ގާޑަންގެ ވިނަގަނޑު ނަގައި، އެތަނުގައި ހިލަ އަޅައި، މާ-އަ-ލާގޯގެ ޕެޓިއޯތަކާ އެއްގޮތް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. މި ބޯލްރޫމުގައި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި ބާއްވާ ސްޓޭޓް ޑިނަރތަކާއި ބޮޑެތި ރަސްމިއްޔާތުތައް ބޭއްވޭނެއެވެ.
ކޮމެންޓު ފޮނުވާ