މިއަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކުގެ ވިޔަފާރީގެ މުހިންމު ދާއިރާތަކުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައި، ރަނގަޅު މާލީ ނަތީޖާތަކެއް ހާސިލުކުރެވިފައި ވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހާމަކޮށްފިއެވެ.
ބޭންކުގެ މާލީ ރިޕޯޓުތަކުން ދައްކާގޮތުގައި، ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ބޭންކުގެ އެސެޓް ބޭސް އަދި ޑިޕޮސިޓް ބޭސް އެއް ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު 12.49 ބިލިއަން ރުފިޔާގައި ހުރި ބޭންކުގެ އެސެޓުތައް، ދެވަނަ ކުއާޓަރުގައި 13.45 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ޑިޕޮސިޓްތަކުގެ ގޮތުގައި ވެސް ބޮޑު ކުރިއެރުމެއް ފެނިފައިވާކަން އެމްއައިބީން ފާހަގަކޮށްފައިވެއެވެ. ފުރަތަމަ ކުއާޓަރު ނިމުނުއިރު 10 ބިލިއަން ރުފިޔާގައި ހުރި ޑިޕޮސިޓްތައް، ދެވަނަ ކުއާޓަރުގައި 11 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވެއެވެ. ހަމަ އެއާއެކު، ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުން ކަސްޓަމަރުންނަށް 6.57 ބިލިއަން ރުފިޔާގެ ފައިނޭންސް ފޯރުކޮށްދީފައިވާކަން ވެސް ބޭންކުން ހާމަކޮށްފައިވެއެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ބޭންކަށް ލިބުނު ސާފު ފައިދާ 182.97 މިލިއަން ރުފިޔާއަށް އަރާފައިވާކަން އެމްއައިބީން ހާމަކޮށްފައިވެއެވެ. މިއީ ބޭންކުގެ މާލީ ހާލަތު ވަރުގަދަވަމުންދާކަން ދައްކުވައިދޭ ނަތީޖާއެކެވެ.
ޑިޖިޓަލް ބޭންކިންގެ ދާއިރާގައި ވެސް އެމްއައިބީން ކުރިއެރުންތަކެއް ހޯދާފައިވެއެވެ. ބޭންކުގެ އިންޓަނެޓް އަދި މޮބައިލް ބޭންކިން މުޢާމަލާތްތަކުގެ އަދަދު 12 މިލިއަނުން 14.9 މިލިއަނަށް އިތުރުވެފައިވާއިރު، ކާޑު މުޢާމަލާތްތައް 1.89 މިލިއަނުން 2.29 މިލިއަނަށް އިތުރުވެފައިވެއެވެ. މިއީ ކަސްޓަމަރުން ބޭންކުގެ ޑިޖިޓަލް ޚިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ދައްކުވައިދޭ ނަންބަރުތަކެކެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން އެމްއައިބީން ދަނީ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ތަރައްޤީކުރުމަށް ވެސް ބޭންކުން ޚާއްޞަ އިސްކަމެއް ދެމުންދެއެވެ. ރާއްޖޭގައި ބޭންކަށް ނުގޮސް ވަގުތުން އެކައުންޓު ހުޅުވައި، ބޭންކުގެ ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭ ހަމައެކަނި ބޭންކަކީ އެމްއައިބީ ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ.


