ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަން ޓާސްކް ފޯސް ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، މިއަދު ހެނދުނު މާލޭގެ ކަރަންކާ މަގުން 25 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމަޑޭޝަން ބްލޮކަކަށް ހިންގި މި ރެއިޑުގައި ގިނަ އަދަދެއްގެ ބިދޭސީން ޗެކްކުރުމަށްފަހު، ވާރކް ޕާމިޓް ނެތި މަސައްކަތްކުރަމުންދިޔަ މީހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިފަދަ އޮޕަރޭޝަންތައް ހިންގަމުންދަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. މި އަހަރު ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް މިފަދަ ގިނަ ބިދޭސީން ހައްޔަރުކުރެވި، ޑިޕޯޓޭޝަން ސެންޓަރަށް ގެންދެވިފައިވާ އިރު، އެ މީހުން އަމިއްލަ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދެއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން ބަހައްޓައިގެން އޮބްޒަވޭޝަން މަސައްކަތްތައް ކުރުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މިފަދަ ހާއްސަ އޮޕަރޭޝަންތައް ކުރިއަށްދާނެއެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކޮމެންޓު ފޮނުވާ