މާލޭ ބާޒާރުގައި ފިޔާގެ އަގު ކުއްލިއަކަށް މައްޗަށް ދިޔުމަށްފަހު ދަށަށް ޖެހެން ފަށައިފި

މާލޭ ބާޒާރުގައި ފިޔާގެ އަގު ކުއްލިއަކަށް މައްޗަށް ދިޔުމަށްފަހު ދަށަށް ޖެހެން ފަށައިފި

Author
ހުސެއިން
31 ޖުލައި 2025 12:22
0

މާލޭގެ ބާޒާރުތަކުގައި ފިޔާގެ އަގު ކުއްލިއަކަށް މައްޗަށް ދިޔުމަށްފަހު، މިހާރު ވަނީ އަނެއްކާވެސް ދަށަށް ޖެހިފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ފިޔާ ކިލޯއެއް 35 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، މިއަދު ބާޒާރުތަކުން ފިޔާ ވިއްކަމުން ދަނީ ކިލޯއެއް 20 ރުފިޔާއިން ފެށިގެން 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

މިދިޔަ އަންގާރަ ދުވަހު މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވެފައިވަނީ މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މުދާ ކްލިއާ ކުރުން ލަސްވުމުގެ ސަބަބުންނެވެ. އެ ދުވަހު ފިޔާ ލިބެން ނެތުމުގެ ސަބަބުން އަގު ވަރަށް ބޮޑަށް މައްޗަށް ގޮސް، ބައެއް ތަންތަނުން ފިޔާ ބަސްތާއެއް ވިއްކީ 450 ރުފިޔާއިން 500 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ނަމަވެސް މިއަދު ބާޒާރަށް ފިޔާ އެތެރެވުމާއެކު އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިހާރު ފިޔާ ބަސްތާއެއް ލިބެނީ 400 ރުފިޔާއަށްވުރެ ދަށް އަގެއްގައެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކަމުން އައީ އާންމުކޮށް 11 ރުފިޔާގެ އަގުގައި ކަމަށް ބާޒާރުގެ ވިޔަފާރިވެރިން ބުންޏެވެ.

ފިޔާގެ އަގު މައްޗަށް ދިއުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެސްޓީއޯއިން އިންޑިއާއިން ފިޔާގެ ސްޓޮކެއް އެތެރެކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. މިކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ފިޔާގެ އަގު މަތިނުވެ ހިފެހެއްޓޭނެ ކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.