ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އިއްޔެ އިސްތިއުފާ ދެއްވުމަށްފަހު، މިއަދު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް ވަނީ އެ މަގާމުން ވަކިވެވަޑައިގެންފައެވެ.
މިދިޔަ ޑިސެމްބަރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މައުރޫފް އައްޔަންކުރެއްވުމަށްފަހު، މިދިޔަ ޖެނުއަރީގައި ފަޔާޒް މަންސޫރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެވުނެވެ. އެހެންނަމަވެސް އެންމެ ހަ މަހެއްހާ ދުވަސް ފަހުން ފަޔާޒް އެ މަގާމުން ވަކިވި ސަބަބު ހާމައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، އަންނަ މަހުގެ 18ގައި ރިޓަޔަރކުރާ ގޮތަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް، މައުރޫފް ޖަމީލް އިސްތިއުފާ ދެއްވީ ޕީސީބީން އެ ގޮތަށް އަމަލުކުރުމަށް އެންގުމާ ގުޅިގެންނެވެ.
މި ބަދަލުތަކާއެކު، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި އަލީ ޒުހައިރު އިއްޔެ ވަނީ އެޗްޑީސީގެ އައު މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރައްވާފައެވެ.
މައުރޫފް ޖަމީލް އެ ކުންފުނީގެ އެމްޑީކަމަށް އައްޔަންކުރެވުނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ދައުރުގައި ހުޅުމާލޭ ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.
ކޮމެންޓު ފޮނުވާ