"ޓޫ ސްޓޭޓް ސޮލިއުޝަން" ބައްދަލުވުމަށް އެމެރިކާއަށް ވަޑައިގަންނަވަން ޝަހީމަށް ވިސާ ނުލިބުނު

"ޓޫ ސްޓޭޓް ސޮލިއުޝަން" ބައްދަލުވުމަށް އެމެރިކާއަށް ވަޑައިގަންނަވަން ޝަހީމަށް ވިސާ ނުލިބުނު

Author
ހުސައިން
30 ޖުލައި 2025 08:22
0

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފަލަސްތީނާ ގުޅޭ ބައްދަލުވުމަކަށް އެމެރިކާއަށް ވަޑައިގަންނަވަން  ވިސާ ނުލިބުނެވެ. އެނގިފައިވާ ގޮތުގައި ޝަހީމް ވިސާ އަށް އެދިވަޑައިގަތުމުން ވިސާ ނުދީ އެމެރިކާއިން ވަނީ ހިފަހައްޓާފަ އެވެ.

ޑރ. ޝަހީމް އެމެރިކާއަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރެއްވީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދަން އދ. ގައި މިހާރު ކުރިއަށް ގެންދާ ގައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ހާއްސަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށެވެ.

ނިއު ޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ “ހައި-ލެވަލް އިންޓަނޭޝަނަލް ކޮންފަރެންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން” ބައްދަލުވުމަށް ޑރ. ޝަހީމަށް ވަޑައިނުގެންނެވުމުން އެ ބައްދަލުވުމުގައި ރާއްޖެ ތަމްސީލު ކުރަށްވަނީ އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމެރިކާއަށް ވަޑައިގެންނެވުމަށްޓަކައި ލަންކާގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑރ. ޝަހީމް ހުށައެޅުއްވި އެޕްލިކޭޝަން ބަލައި ނުގަނެ ވަނީ ރިޖެކްޓުކޮށްފައެވެ. އެހެންނަމަވެސް އެޕްލިކޭޝަން ރިޖެކްޓު ކުރި ސަބަބެއް އެމްބަސީން ޑރ. ޝަހީމަށް އަންގާފައެއް ނުވެއެވެ.

ޑރ. ޝަހީމް އެމެރިކާއަށް ވަޑައިގަންނަވަން މަސައްކަތް ކުރެއްވީ ރާއްޖެ ތަމްސީލު ކުރަށްވާ ވަޒީރެއްގެ ގޮތުގައެވެ. އަދި އެ ބައްދަލުވުމުގައި ޑރ. ޝަހީމް ވާހަކަފުޅު ދައްކަވާ ގޮތަށްވެސް އޮތީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.